English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ “ޑަބްލިއުޑީސީ ހޭންޑްބޯލް ޓޯނަމެންޓް 2026” ގައި ބައިވެރިވުމުގެ ފަހު ތާރީހަކީ މި މަހުގެ 15 ވަނަ ދުވަހެވެ.

މުޅި އައްޑު އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ މީދޫ ފިށިމަތި ޓާރފް ދަނޑުގައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 7،000 ރުފިޔާއެވެ.

މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ މީދޫގައި އަމިއްލަ ފަރާތްތަކަކުން އިސްނަގައިގެން ހިންގަމުން އަންނަ ހޭންޑްބޯލް ކްލަބުގެ ކުޅުންތެރިންނަށް މި ކުޅިވަރުން ކުރިއަށްދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި ހިތްވަރުދިނުމެވެ. އަދި ހަމައެއާއެކު، މީދޫއާއި ހުޅުދޫގެ އިތުރުން މުޅި އަތޮޅުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، ކުޅިވަރުގެ މައިދާނަށް ޒުވާނުން ނެރުމަކީވެސް މި މުބާރާތުގެ މުހިންމު މަޤްޞަދެކެވެ.

އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދޭގޮތުގައި، ހޭންޑްބޯލް ކުޅިވަރަށް ލޯބިކުރާ ޒުވާނުންނަށް އަމާޒުކޮށްގެން އަހަރަކު އެއްފަހަރު މިފަދަ މުބާރާތެއް ބޭއްވުމަކީ ޒުވާނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެކެވެ.