English Edition
Dhivehi Edition

ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި ބައިވެރިވި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއަކީ ބަލި ހާލު ދެރަ އުމުރުން ދުވަސްވީ މީހެއް ކަމަށާއި އޭނާއަށް މައާފު ދޭން ޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން ލަންކާގައި އުޅެމުންދިޔަ ލުތުފީ ރާއްޖެ ގެންނަން ލަސްވާ ކަމަށް ބުނެ ރައްޔިތުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަަށް ބަހުސް ކުރައްވަމުން ލުތުފީގެ ދިފާއުގައި ޝަރީފްވަނީ ވަރަށް ބޮޑަށް ވާހަކަ ދައްކަވައިފަ އެވެ. ޝަރީފް ވިދާޅުވި ގޮތުގައި އޭނާ އަކީ ރާއްޖެ އަށް ދިން އުދުވާނީ ހަމަލައާ ގުޅިގެން ސުވާލުކުރަން ހާޒިރު ކުރި މީހެއްކަމަށާއި އެތަނުގައި ހިނގި ހާދިސާ “ލޮލުން ދެކި އަތުން ހިފި” މީހެއްކަމަށެވެ.

ލުތުފީގެ ދިފާއުގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ ލުތުފީގެ ޝަރީއަށް ކުރިއަށް ގެންގޮސްފައިވަނީ އިންސާފުން ނޫންކަމަށް އޭނާއަށް ޔަގީނާއި ގާތަށް އެނގޭކަމަށެވެ. “އޭނާގެ އަނގަޔަށް ބޫޓު ވައްދާ ތަން އަޅުގަނޑު ލޮލުން ދުށިން. އޭނާގެ ލޮލަށް އިނގިލި ހަރާ ތަން އަޅުގަނޑުގެ ލޮލުން ދުށިން، ދެން ތިބި މީހުންނަށް ހެދި ގޮތާއި އިދިފުށަށް ބިޑި އަޅުވާފައި ތަޅަމުން ތަޅަމުން ގެންދިޔަ މަންޒަރު އަޅުގަނޑުގެ ލޮލުން ދުށިން،” ޝަރީފް ވިދާޅުވި އެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވީ 19 ދިވެހިން މަރުވެގެން ދިޔުމަކީ ހިތާމަވެރިކަމެއް ކަމަށާއި ނަމަވެސް އެއިން އެއްވެސް މީހެއްގެ ގަޔަށް ލުތުފީ ބަޑި ޖެހިކަން އެނގެން ނެތް ކަމަށެވެ. އަދި ލުތުފީ ބަޑި ހިފައިގެން އުޅުނު ކަން ވެސް އެނގެން ނެތްކަމަށް ޝަރީފް ވިދާޅުވެފައިވާއިރު ލުތުފީވަނީ ޝަރީއަތުގައި އޭނާ ބަނޑި ހިފައިގެން އުޅުނުކަމަށް އެއްބަސްވެފައެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ލުތުފީ ރާއްޖެ އަރާ ކުރި ކަންކަމަކީ ބޮޑު ކުށެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އޭނާ އެކަމުގެ ހުކުމް ތަންފީޒު ކުރަމުންދާތާ އެތައް ދުވަހެއްވެފައިވާ ކަމަށެވެ. އަދި އޭނާއަކީ އުމުރުން 70 އަހަރުވެފައިވާ މުސްކުޅިއެއް ކަމަށާއި އޭނާއަށް މައާފު ދޭން ޖެހޭ ކަމަށް ޝަރީފްވަނީ ވިދާޅުވެފައެވެ.

ލުތުފީ މިނިވަންކުރުމަށް ގޮވާލަމުން ޝަރީފް ވިދާޅުވީ ޖަލުގައި ހުރި މުއްދަތުގެ ބާކީ އޮތް މުއްދަތާއި ހުކުމް ކުރި ގޮތަށް ރިއާޔަތް ކުރުމަށް ފަހު އޭނާއަށް މައާފު ދިނުން އެއީ އެންމެ ރަނގަޅު ގޮތްކަމަށެވެ. އަދި ލުތުފީގެ މައްސަލައިގައި ސަރުކާރުން ބޮޑު ހަރަދުކޮށްގެން “ކަންތައްތަކެއް ކުރަން” ނުފެންނަކަމަށް ޝަރީފް ވިދާޅުވިއެވެ