English Edition
Dhivehi Edition

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލާ ދިނުމަށް މާލެ އައުމަށްޓަކައި ސްރީ ލަންކާ ޓަމިލް ނާޑޫގެ މުއްލިކުލަމުން ދުޝްމަނުން ފުރީ އެއަހަރުގެ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހުއެވެ. ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތުގެ ހަތިޔާރު އެޅި 80 އަށްވުރެ ގިނަ ތަމަޅަ ހަނގުރާމަވެރިންނާއެކު ރާއްޖެ އަރާ ބަޣާވާތް ރާވައި ހިންގުމުގެ ފަހަތުގައިވާ ނުރައްކާތެރި ސިކުނޑީގެ ވެރިޔަކީ، ހ. ހާޖަރާގޭ އަބްދު ﷲ ލުތުފީ އެވެ.

އަބްދުﷲ ލުތުފީއަކީ އައްޑުއަތޮޅު ހިތަދޫ އައްޝައިޚް އިބްރާހީމް ލުޠުފީ (އައްޑޫ ތުއްތީދީ) ގެ އަލްއުސްތާޛް މުހަންމަދު އިބުރާހީމް ލުތުފީ އާއި ހ.ހާޖަރާގޭ އަލްފާޟިލާ ޢާއިޝަތު ފަރީދާ (ހާޖަރާގޭ ސިއްތި) ގެ ދޮށީ ފިރިހެން ދަރިފުޅެވެ.މި ހަމަލާ ރޭވުމުގެ މާކުރިން އުމުރުން އެންމެ 20 އަހަރުގައި އޭރު އޮތް ސަރުކާރު ބަދަލުކުރުމަށް ރޭވުނު ރޭވުމުގައި އަމަލީ ގޮތުން ލުތުފީ ބައިވެރިވިކަމުގެ ކުށް ސާބިތުވެ ވަނީ 18 އަހަރަށް ޖަލަށްލާފައެވެ. އެހެންނަމަވެސް 1972 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވި މާފެއްގެ ދަށުން ލުތުފީ ޖަލުން ސަލާމަތްވިއެވެ. އޭގެ ފަހުންވެސް އޭނާގެ އަމަލުތައް ހުރި ގޮތުން ޖަލަށްލާ، އަރުވާލެވިފައިވާއިރު އޭނާ އެއްކޮށް މިނިވަންވީ 1978 ވަނަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހުގައެވެ.

1987 ވަނަ އަހަރުގެ ފަހުކޮޅު ވަސަންތީ ފޯނުކޮށްފައި ލުތުފީ މަހޭޝްވަރަމްއާ ބައްދަލުކުރުމަށް އެމީހުން ތިބޭ ހޮޓަލަށް އައިސް ދިނުމަށް އެދުނެވެ.އެ ބައްދަލުވުމުގައި ރާއްޖޭގެ ރީތިކަމާއި ރާއްޖޭގައި ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަދެކެވުނެވެ. އަދި 1988 ވަނަ އަހަރު މި ދެމީހުން ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލައި ލުތުފީގެ އަތްމައްޗަށް ވެރިކަން އަނބުރާ ލެވިއްޖެނަމަ އެކަމުގެ ހަދިޔާ އެއްގެ ގޮތުން ތަމަޅައިންނަށް 3 ކަމެއް ކޮށްދިނުމށް އެއްބަސްވެ އެގްރިމެންޓެއް ހެދިއެވެ.އެކަންކަމަކީ ޕްލޯޓް ގެ މީހުން ތަމްރީނު ކުރަން ދިވެހިރާއްޖޭގެ ފަޅުރަށެއް ދިނުމާއި، ޕްލޯޓް ޖަމާއަތަށް ހަތިޔާރު ހޯދައި ދިނުމަށާއި އެ ތަކެތި އެތެރެ ކޮށްދިނިމަށް ލުތުފީގެ ސަރުކާރުން އެހީވެދިނުމާއި އަދި ޕްލޯޓް ޖަމާއަތުގެ ޚަޒާނާ މުއްސަނދި ކުރުމަށްޓަކައި ރާއްޖޭގެ ރިސޯޓެއް އެމީހުންނަށް ދިނުމެވެ.

އެ އެގްރިމެންޓާއި އެކު ސަރުކާރު ވައްޓާލާ ރާއްޖެ އަށް ހަމަލާ ދިނުމަށް ލުތުފީ ދިޔައީ ތަފާތު މުހިންމު މައުލޫމާތު ތަކެއް އެއްކުރަމުންނެވެ. އެގޮތުން ސިފައިންގެ އެތެރެ އޮންނަ ގޮތާއި އެތަނުގައި ފޯރިއަށް ތިބެނީ ކިހާ މީހުންނެއްކަމާއި އެމީހުން ތިބޭ ތަންތަނަށް ދާންދެން ލުތުފީ ބަލާ ހޯދިއެވެ. ލުތުފީމެންގެ އަމާޒަކަށްވީ 1988 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު މާލެ އެރުމެވެ. އެހެން ނަމަވެސް ރާއްޖޭއައުމަށް ބޭނުންވާ ބޯޓެއް ނުލިބުމުން އެކަން އެ ދުވަހަށް ކާމިޔާބު ވާ ގޮތެއް ނުވިއެވެ.

ހަމަލަ ދިނުމަށް ބޭނުންވާ ހުރިހާ ހަތިޔާރެއްވެސް ބޯޓަށް އެރުވީ ރަބަރު ކޮތަޅުގައި ބަންދުކޮށް މި ހަމަލާ ރާވާ ހިންގުމުގައި ބައިވެރިވި މަހޭޝްވަރަމް ކުރަހާފަ އޮތް ޗާޓެއް ބަލައިގެން މި މީހުން ރާއްޖެ އައުމަށް ދަތުރު ފެށިއެވެ.ޕްލީޓް ޖަމާއަތުގެ ހަނގުރާމަވެރިން ކަނޑުމަތީގައި ފަސް ދުވަސް ހޭދަ ކުރުމަށްފަހު ލުތުފީގެ ކައްޕި ކަމުގައި އައި ޓީ 52 ބޯޓް މާލެއާދެވުނީ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.ވެރިކަމުގެ ދަހިވެތިކަމުގައި ބަރުހަތިޔާރާއެކު ދިވެހިންނާ ކުރިމަތިލި ހާއިނުން ވަނީ އެދުވަހު މުޅި މާލެއިން ކަރަންޓް ކަނޑާލާ ދިވެހިންނަށް ޖިސްމާނީ އެތައް އަނިޔާދީރައްޔިތުންގެ މުދާ ލޫޓްވާފައެވެ. ދިވެހިންގެ ބަޔަކުވެސް އެއްބައިވެގެން ހިންގި މިހަމަލާ ރާވާ ހިންގި ޖަމާއަތުގެ އެންމެ ބޮޑު އަދި އެންމެ ފުރަތަމަ އަމާޒަކަށް ވީ ބަނޑޭރި ގޭގެ މައި ދޮރާއްޓެވެ.ދުޝްމަނުންނާއި ރާއްޖޭ ސިފައިންގެ މެދުގައި އެދުވަހު ހިނގި ހަމަލާ ބަދަލުކުރުންތަކުގައި ސިފައިންގެ 8 ބޭފުޅުންނާއި އާންމުންގެ 11 މީހުން ވަނީ ޝަހީދު ވެފައެވެ.

އިންޑިޔާ ސިފައިންނަށް ރާއްޖެއާ ހިސާބަށް ފޯރާފައިވަނީ ނޮވެމްބަރު ތިންވަނަ ދުވަހުގެ ރޭ ގާތް ގަނޑަކަށް ދިހައެއް ޖަހާއެހާއިރު އެވެ. އިންޑިޔާ ސިފައިން ރާއްޖެ އައުމާ ގުޅިގެން ހާއިނުން ވަނީ މާލޭ ފަޅު ތެރޭގައި އޮތް އެމްވީ ޕްރޮގްރެސް ލައިޓްގައި 27 ދިވެއްސަކު ރަހީނުކޮށްގެން ފުރާފަ އެވެ.ރާއްޖޭގެ އިސްވެރިންތަކެއް ވެސް ރަހީނު ކުރަން އެމީހުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު އެކަން އެމީހުންނަށް ކާމިޔާބުކުރެވޭ ގޮތްވަނީ ނުވެފައެވެ.

މި ހަމަލާއާއި ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ޝަރީއަތް ކުރިއަށް ގެންދިއުމަށްޓަކައި ހާއްސަ ކޮމަޓީއަށް އުފައްދާ އެމީހުންގެ ޝަރީއަތް ހައިކޯޓުގައި ފެށުނީ 16 މާރޗް 1989 ވަނަ ދުވަހުއެވެ. މި ޝަރީއަތްތައް އެއްކޮށް ނިންމާލެވުނީ 1989 ވަނަ އަހަރުގެ އޯގަސްޓް 12 ވަނަ ދުވަހުއެވެ. އުއްތަމަ ފަނޑިޔާރާއި އިތުރު ދެ ފަނޑިޔާރުން ހިމެނޭ ބެންޗުން ޝަރީއަތް ނިމި 4 ދިވެހިންނާއި 12 ބިދޭސީން މެރުމަށް ނިޔާކަނޑައެޅިއެވެ. އެހެންނަމަވެސް ފަހުން އެ އަދަބު އުމުރަށް ޖަލަށްލުމައް ބަދަލުކުރިއެވެ.

އުމުރަށް ޖަލަށް ހުކުމްކޮށްފައިވާ ލުތުފީ ބޭސްފަރުވާއަށް ފޮނުވާލީ އެމްޑީޕީގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖެނުއަރީ 16 ގައެވެ. އޭނާ އޭރު އިންޑިއާ އަށް ފޮނުވީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. އެހެންނަމަވެސް އޭގެ ފަހުން ނަން ބަދަލުކޮށް. ލުތުފީ ފިލައިގެން ދިރިއުޅެމުން ދިޔައީ ލަންކާގައެވެ. މިދިޔަ މޭ 1 ގައި، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގޮސް ލުތުފީ ސަރުކާރާއި ހަވާލުވީ، އޭޕްރީލް 21 ގައި ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޤަވައިދާއި ހިލާފަށް އުޅޭ މީހުން ހޯދަން ފެށުމުންނެވެ.ލުތުފީ ރާއްޖޭގެ އެމްބަސީ ތެރޭގައި ދިރިއުޅެމުންދާކަމުގައ މައުލޫމާތު އުމަރު ނަސީރު ހާމަކުރުމާއެކު ދިވެހިން އެކަމާއި ދެކޮޅަށް އަޑުއުފުލަން ފެށިއެވެ. 68 ދުވަސްވަންދެން ލަންކާގެ އެމްބަސީގައި ދިރިއުޅުނު ލުތުފީ މާލެ ގެނެސްފައިވަނީ ރޭ 9:30 ހާއިރުގައެވެ.

 

ނޯޓް: 3 ނޮވެމްބަރު 1991 ވަނަ އަހަރު ރައީސުލްޖިމްހޫރިއްޔާ ގެ އޮފީހުން ”ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ“ މިނަމުގައި އެހާތަނަށް އެއްކުރެވިފައިވާ މައުލޫމާތު ހިމަނައިގެން ފޮތެއް ނެރެފައިވެއެވެ. މި ލިޔުމުގައި ހިމެނޭ ގިނަ މައުލޫމާތު ނަގާފައިވާނީ އެ ފޮތުންނެވެ.