ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ފިލާފައިވާ ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާއަށް އޭނާ އިއުތިރާފު ވެ ވީހާ ވެސް ކުޑަ ހުކުމެއް އިއްވުމަށް އެދިއްޖެ އެވެ.
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ އާއި ގުޅިގެން ޖަލު ހކުމެއް ތަންފީޒުކުރަމުން ދިޔަ ލުތުފީ ފިލާފައިވަނީ ހޯމް މިނިސްޓްރީއިން އެއް އަހަރު ދުވަހަށް އޭނާއަށް ދޫކުރި ވަގުތީ ޓްވެވަލް ޑޮކިއުމެންޓްގެ ދަށުން އަމިއްލަ ހަރަދުގައި ބޭސްފަރުވާ ކުރުމަށް 16 ޖެނުއަރީ 2010 ވަނަ ދުވަހު އިންޑިއާއަށް ދިޔުމަށް ފަހުއެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ މީހުން ބަންދު ކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އެ މައްސަލައިގެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވަމުން ލުތުފީ ބުނެފައި ވަނީ ރާއްޖެއިން ބޭރަށް ފުރީ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ކަމަށާއި އެހެންކަމުން، އޭނާ ހަގީގަތުގައި މީހުން ބަންދު ކުރާ މަރުކަޒަކުން ފިލީ ކަމަށް ގަބޫލު ނުކުރާކަމަށެވެ. ނަމަވެސް އަވަހަށް މައްސަލަ ނިންމައި ހުކުމް ތަންފީޒުކޮށް ނިންމަން ބޭނުންވާތީ، ދައުލަތުގެ ދައުވާގައިވާ ކަންތައްތަކަށް އިއުތިރާފުވާން ބޭނުންވާ ކަމަށް ލުތުފީ ވަނީ ބުނެފައެވެ.
ލުތުފީގެ އިއުތިރާފު ބަލައިގަނެ މައްސަލަ އަވަސް ނިޔާއިން ނިންމައި ހުކުމް ކުރަން، ފަސް ދުވަހުގެ ތެރޭގައި އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.