1988 ވަނަ އަހަރު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާ ރާވާ، ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މޭސްތިރިޔާ ހ.ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް މީގެ ކުރީގެ ދެ ސަރުކާރުންވެސް މަސައްކަތް ނުކުރާކަމަށް ބުނެ، އެ މައްސަލަ ތަހުގީގު ކުރަން ފަށާފަައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ލުތުފީ ފިލައިގެން އުޅެން ފެށިފަހުން، 2012 އާއި 2016 ވަނަ އަހަރާއި ދެމެދު، ތަފާތު އެކި ފަހަރުމަތިން ފުލުހުންގެ ރަސްމީ މަސައްކަތުގެ ތެރެއިން އޭނާ ފިލައިގެން އުޅުނު ތަންތަނާ ބެހޭ މައުލޫމާތު ޔަގީނާއިގާތަށް ލިބި، އެ މައުލޫމާތު ފުލުހުންގެ ކަމާއިގުޅުންހުރި އިސްވެރިންނާއި ހިއްސާކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ލުތުފީ ރާއްޖެ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރީގެ ސަރުކާރުތަކުން ނާޅާ އޮތް ސަބަބު ބަލައި ތަހުގީގު ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ޕޮލިސް ކޮމިޝަނަރު ހަމީދު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްއަށް ރަސްމީކޮށް ލިޔުމުން އަންގަވާފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ކުރީގެ ސަރުކާރުގައި ރާއްޖެ ގެނައުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާފައި ނުވާ މައްސަލަ ތަހުގީގުކޮށް ދިނުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަންގަވައިފައިވާއިރު މިއަދު ޔޫތް މިނިސްޓަރ މަހްލޫފް ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ބާއީ ލުތުފީ ރާއްޖެ ގެނެއުމުގެ ފުރުސަތު ލިބިގެން ދިޔަކަން އެގެން އެބައޮތްކަމަށެވެ.
މިއަދު މަހްލޫފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އޭރު ލުތުފީ ހައްޔަރުކުރުމުގެ ހުއްދަ އެއް އެދުމުން އޭނާ މަރުވަންދެން ލަންކާގައި ބަހައްޓަން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެފައިވާކަމަށެވެ. މީގެ އިތުރުން މަހްލޫފް ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ނިމުނު އިރު ނުގެނެވުނު ލުތުފީ މަ ސަރުކާރުން ރާއްޖެ ގެންނާނެކަމަށެވެ.