މިހާރު މާލޭގައި ކުރިއަށްދާ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގައި ވާދަކުރާ އައްޑޫ ހިތަދޫ ސްކޫލުގެ ނެޓްބޯޅަ ޓީމުން ބޮޑު ކާމިޔާބީތަކެއް ހޯދައިފި އެވެ.
މިދިޔަ ތިން އަހަރު ވެސް ހިތަދޫ ސްކޫލުން، އައްޑޫ އިންޓަ ސްކޫލު ނެޓްބޯޅަ މުބާރާތުގައި ބޮޑެތި ކާމިިޔާބީތަކެއް ހޯދައިފައިވާއިރު، މިހާރު ކުރިއަށްދާ އިންޓަ ސްކޫލް މުބާރާތުގައިވެސް އެ ސްކޫލްގެ 12 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމާއި 14 އަހަރުން ދަށުގެ ޓީމު ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މި މުބާރާތުގައި އެ ސްކޫލްގެ 16 އަހަރުން ދަށުގެ ޓީމު ވެސް ސެމީ ފައިނަލަށް ދަތުރުކުރާނެ ކަމުގެ އުއްމީދު ބޮޑު ބޮޑުވެފައިވާއިރު މުބާރާތުގެ ތިން އުމުރުފުރާގައި ބައިވެރިވި ޓީމުތައް ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން ހިތަދޫ ސްކޫލްގެ ޓީމުތަކުންވަނީ ކާމިޔާބުކޮށްފައެވެ.
މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތް ކުރިޔަށްދަނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އިތުރުން 18 އަހަރުން ދަށުގެ އުމުރުފުރާއެވެ. މި އަހަރުގެ މުބާރާތުގައި އައްޑޫ ސިޓީ ހިތަދޫ ސްކޫލްގެ އިތުރުން ސ.އަތޮޅު މަދަރަސާވެސް ވަނީ ބައިވެރިވެފައެވެ.