English Edition
Dhivehi Edition

އެފްކޮން ކުންފުނިން ސ. ހިތަދޫ ސްކޫލަށް 25 ކޮމްޕިއުޓަރު ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި، އެ ކޮމްޕިއުޓަރު ސިސްޓަމްތައް ހަދިޔާކޮށްދެއްވާފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ އިސް ބޭފުޅުންނެވެ.

މިއީ އިންޑިއާގެ ސަފީރު މުނު މަހަވަރު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެސިޓީއަށް ކުރެއްވި ދަތުރުގައި އޭނާއަށް ހުށަހަޅާފައިވާ ކޮމްޕިއުޓަރު ލެބޯޓްރީގެ ޕްރޮޕޯސަލަށް ލިބުނު ތަކެތިކަމަށް ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ދީދީ ވިދާޅުވިއެވެ. އަދި މިތަކެތީގެ ސަބަބުން ދަރިވަރުންނަށް އެތައް ފައިދާތަކެއް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“މިއީ މިވަގުތަށް އަޅުގަނޑުމެންނަށް ވަރަށް މުހިންމު އެއްޗެއް. ތަޢުލީމީ މަރުހަލާ ނިމި، ޢަމަލީ މައިދާނަށް ދަރިވަރުން ނުކުންނައިރު، ޚާއްސަކޮށް މިފަދަ ޓެކްނޮލޮޖީ ޒަމާނެއްގައި ކޮމްޕިއުޓަރަށް އަހުލުވެރުވުމަކީ ވަރަށް ބޭނުންތެރިކަމެއް.” ޑރ. އާސިޔަތު މުހައްމަދު ދީދީ ވިދާޅުވިއެވެ.

އެފްކޮން ކުންފުންޏަކީ އައްޑޫގެ މަގުހަދަން ހަވާލު ކުރެވިފައިވާ އިންޑިއާގެ ކުންފުންޏެކެވެ.