English Edition
Dhivehi Edition
ހިތަދޫ ސްކޫލް ރަންޔޫބީލް ރަން/ފޮޓޯ އޭއޯނިއުސް

އައްޑޫސިޓީ ހިތަދޫސްކޫލުގެ 50 ވަނަ އަހަރީ ދުވަހުގެ ރަންޔޫބީލް ޙަރަކާތްތައް ފަށައިފިއެވެ. އެކަމަށްޓަކައި ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ޙަރަކާތްތައް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން ޑރ . އަޙްމަދު އަދީލް ނަސީރުއެވެ.

ކީރިތި ޤުރްއާންގެ ބަރަކާތުން ފެށި އެރަސްމިއްޔާތުގެ ތެރޭ ރަން ޔޫބީލް ލޯގޯ އިފްތިތާޙު ކުރުންވެސް އޮތެވެ. ލޯގޯ އިފްތިތާޙު ކޮށްދެއްވުމަށް ފަހު ޝަރަފްވެރި މެހްމާން ޑރ. އަޙްމަދު ޢަދީލް ނަސީރު ދެއްކެވި ވާހަކައިގައި ތަޢުލީމީ ނިޒާމްގެ ކަރިކިއުލަމްގައި ހުންނަ އެކިކަންކަން ތަންފީޒު ކުރެވޭ މިންވަރު ބެލުމަށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކާއި އަދި ކަމާގުޅުންހުރި އެކި ބޭބޭފުޅުން ހިތަދޫ ސްކޫލަށް ޒިޔާރަތް ކުރެއްވުމަށް ޚާއްސައިސްކަމެއް ދެއްވާކަމީ އެނގިވަޑައިގަންނަވާ ޙަގީގަތެއްކަމަށް ވިދާޅުވިއެވެ. އަދި އެކަމުން ދޭހަވެގެންދަނީ ސްކޫލްގެ ކަންކަން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ޓީޗަރުންނާއި މެނޭޖްމެންޓާއި އަދި ދަރިވަރުންނާއި ބެލެނިވެރިން ގުޅިގެން ކުރާ ބުރަ މަސައްކަތްކަން ފާހަގަކުރައްވައި އަދީލްވަނީ އެހުރިހާ ބޭފުޅުންނަށް ޝުކުރުއަދާ ކުރައްވާފައެވެ.

“ވޯލްޑް ބޭންކްގެ ބޭފުޅުން ވިދާޅުވި މިއީ އިސްކަންދަރު ސްކޫލްފަދަ ސްކޫލެކޭ. އަޅުގަނޑު ދަންނަވާނީ މިއީ މިއަހަރުގެ ޝިޢާރުގައިވެސް އެވާ ފަދައިން އެންމެ މަގްބޫލު ސްކޫލޭ. ރާއްޖެއިންވެސް އެންމެ ކާމިޔާބު އެއް ސްކޫލޭމިއީ. އެއަމާޒަށް ވާސިލް ވެއްޖެއޭ މިހާރު. ޑރ. އަދީލް ވިދާޅުވިއެވެ.

ހިތަދޫ ސްކޫލްގެ ރަންޔޫބީލް ހަރަކާތް/ފޮޓޯ އޭއޯ ނިއުސް

ހިތަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ހިންގާ ޕްރޮގްރާމްގެ ފުރަތަމަ ކަމަކަށް އޮތީ ދުވުމުގެ ޙަރަކާތެކެވެ. ހުކުރު ދުވަހު ހެނދުނު 7 ޖެހިއިރު ފެށި ކުލަގަދަ ގޯލްޑަން ޖުބިލީ ރަން ގައި ރަސްމިއްޔާތުގެ ޝަރަފްވެރިމެހެމާން ޑރ. އަޙްމަދު ޢަދީލް ނަސީރާއި ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ އާއި އުތުރު ދާއިރާގެ ކައުންސިލަރ އަޙްމަދު ސަޢީދުގެ އިތުރުން ސްކޫލާއި އައްޑޫސިޓީގެ އެކިއެކި މުވައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ އިތުރުން ގިނަ ޢަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިންވެސް ވަނީ މި ޙަރަކާތުގައި ބައިވެރިވެފައެވެ.

ހިތަދޫ ސްކޫލްގެ ރަންޔޫބީލް ހަރަކާތް/ފޮޓޯ އޭއޯ ނިއުސް

1972 ވަނަ އަހަރު ވުޖޫދުވި މި ސްކޫލް ރަސްމީގޮތުން ހުޅުވުނީ 1994 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުގެ 18 ވަނަ ދުވަހުއެވެ. އައްޑޫ އިންގްލިޝް ސްކޫލްގެ ނަމުގައި އޭރު ހިންގަން ފެށި މިސްކޫލް ގެ ނަން ފަހުންވަނީ ހިތަދޫ ޕްރައިމަރީ ސްކޫލްގެ ނަމަށް ބަދަލުކޮށްފައެވެ. އޭރު އެ ސްކޫލް ހިންގަމުން ދިޔައީ ހިތަދޫ ކޮމަންޑޫގޭގެ ކުރިމަތީހުރި ޢިމާރާތެއްގައެވެ. މި ސްކޫލްގެ އާ ޢިމާރާތުގެ ބިންގާ އެޅީ 1 ނޮމެންބަރ 1992 ގައެވެ. މިހާރުވެސް ކިޔަވައިދެމުން އަންނަ މިޢިމާރާތަށް ސްކޫލްގެ ކިޔެވުން ބަދަލުވީ 1994 ވަނަ އަހަރުގެ މާޗް 19 ވަނަދުވަހުއެވެ. ހިތަދޫ ސްކޫލްގެ ނަމަށް ބަދަލުކޮށް އެދުވަހުން ފެށިގެން ސްކޫލް ހިންގަމުން އައީ ސަރުކާރުގެ ޕްރައިމަރީ ސްކޫލެއްގެ ގޮތުގައެވެ. ހިތަދޫ ސްކޫލަކީ މިހާރު ފައުންޑޭޝަނުން ފެށިގެން ލެވެލް 4 އާއި ހަމަޔަށް ކިޔަވައިދޭ ސާނަވީ ސްކޫލެކެވެ.