English Edition
Dhivehi Edition
‏ފުރާވަރު އުމުރުގެ ކުދިންނަށް ދިމާވާ ކަންތައްތަކާއި އެކަންތައްތަކަށް ހޯދިދާނެ ހައްލުތަކާ ގުޅޭ ގޮތުން އައްޑޫސިޓީގެ ހިތަދޫ ސްކޫލުން ބޭއްވި ” ޓީން ސަމިޓް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިމަހުގެ ތިން ވަނަ ދުވަހު ވާޗުއަލްކޮށް ބޭއްވި މި ސަމިޓްގައި އެ ސްކޫލްގެ 38 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ސަމިޓްގައި ތިން ތީމެއްގެ ދަށުން ހަ ކަމަކަށް ދަރިވަރުން ވަނީ ކަރުދާސް ހުށަހަޅާފައެވެ. މި ގޮތުން ކަރުދާސް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ފުރާވަރުގެ ކުދިންގެ ސިއްޙަތާއި އިޖްތިމާއީ ގުޅުންތަކާއި އަދި ފުރާވަރު އުމުރުގައި ދިމާވާ ގޮންޖެހުންތައް ހިމެނެއެވެ.

މި ސަމިޓްގައި ސިއްޚީ ތީމްގެ ދަށުން، ނަފުސާނީ ދުޅަހެޔޮކަމާއި، އަމިއްލަ ނަފުސަށް އިތުބާރު އުފެއްދުމާއި، އަމިއްލަ ހަށިގަނޑަށް އަޅާލައި ބެލެހެއްޓުމާއި ބެހޭ ގޮތުން ދަރިވަރުން ވާހަކަދައްކާފައިވާއިރު އިޖްތިމާއީ ތީމުގެ ދަށުން ސައިބަރ ސެކިއުރިޓީއާއި ރިވެތި އަޚުލާގާއި އެކުވެރިކަމާއި ބެހޭ ގޮތުން ދަރިވަރުން ވާހަކަދައްކާފައިވާއިރު ގޮންޖެހުންތަކުގެ ތެރޭގައި ހަނގާކުރުން ފަދަ ކަންތައްތަކަށް ދަރިވަރުންގެ ވާހަކައިގައިވަނީ އަލި އަޅުވާލާފައެވެ.

ފޮޓޯ: ހިތަދޫ ސްކޫލް
‏މި ސަމިޓް ފައްޓަވައި ދެއްވުމުގެ ގޮތުން މިނިސްޓަރ އޮފް އެޑިއުކޭޝަން އައިޝަތް އަލީ‬⁩ ދެއްކެވި ވާހަކަފުޅުގައި ދަރިވަރުންނަށް ފަސް ކަމަކަށް ނަސޭހަތްތެރިވެފައިވެއެވެ. މި ގޮތުން ކިޔެވުމުގަ އާއި އެހެނިހެން ހަރަކާތްތަކުގައި ކާމިޔާބު ލިބުމާ ގުޅިފައިވަނީ އަމާޒެއް ކަނޑައަޅައިގެން އެ އަމާޒަށް ވާސިލުވުމަށް ގަދައަޅާ މަސައްކަތްކުރުންކަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ނާކާމިޔާބާ ކުރިމަތިލާންޖެހުމުން އެކަމާ މާޔޫސްނުވުމަށާއި، ރަޙުމަތްތެރިން ހިޔާރުކުރާއިރު ހެޔޮލަފާ ޙުލްޤު ހެޔޮ ރަޙްމަތްތެރިން ހިޔާރު ކުރުމުގެ އިތުރުން ނޫނެކޭ ބުނަން ދަސްކޮށް، ދިރިއުޅުމުގައި ކާމިޔާބު ހޯދުމަށް މީހުންނަށް އަޅާލުން ފަދަ ރިވެތި ސިފަތައް ތިމާ ގައިގައި އަށަގެންނެވުމަށް މިނިސްޓަރ ވަނީ ނަސޭހަތްތެރިވެފައެވެ.
މި ސަމިޓް ނިންމާލުމުގެ ގޮތުން، ގިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލީ މުސްތަފާވެސްވަނީ މި ސަމިޓްގައި ބައިވެރިންނާއި މުހާތަބްކޮށް، ދަރިވަރުންނަށް މުހިންމު މައުލޫމާތުތަކެއް ދެއްވާފައެވެ. މި ސަމިޓަކީ ފުރާވަރު އުމުރުގެ ކުދިންގެ މެދުގައި ދިމާވާ މައްސަލަތަކަށް ހައްލުހޯދުމަށް ދިރާސާކުރެވި ކަރުދާސްތަކެއް ހުށަހަޅައިގެން ބޭއްވި މިފަދަ ފުރަތަމަ ސަމިޓެވެ.