English Edition
Dhivehi Edition

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި އިސްކޮށްހުރި ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި އުޅެމުންދާ ވާހަކަ ސިއްރުކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާ އަމިއްލައަށް ހަވާލުވި ވަގުތުން ފެށިގެން އެކަން ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށް އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފެށި ކަމަށެވެ. ލުތުފީ އެމްބަސީ އަށް ދިއުމާ އެކު ވަގުތުން ރާއްޖެ ގެންނަން ދަތިތަކެއް ކުރިމަތިވީ އޭނާ އަކީ އިންޓަޕޯލް އިން ހޯދަން އިއުލާންކޮށްފައިވާ މީހަކަށް ވުމާއި ބައިނަލްއަގުވާމީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތަކެއް ހުރުމުންކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ. މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ލުތުފީ އެމްބަސީއާ ހަވާލުވި ދުވަސްވަރަކީ، ލަންކާގައި ބޮމުގެ ހަމާލާ ދިން ހާދިސާއާ އެއް ދުވަސްވަރެއް ކަމަށް ވުމުން އެއީ ވެސް އޭނާ ރާއްޖެ ގެނައުމުގައި ދިމާވި އިތުރު ހުރަހެއް ކަމަށެވެ.

ރާއްޖެއާއި ލަންކާއާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ނެތްކަމަށް ޕޮލިހުން ބުނެފައިވާއިރު މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދުގައި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސް ވުމެއް އޮތްކަަމަށެވެ.އެހެން ނަމަވެސް، ކުރީގެ ސަރުކާރުގައި ކޮމަންވެލްތުން ރާއްޖެ ވަކިވެފައިވާތީ އެ އެއްބަސްވުމުގެ ސައްހަކަމާ މެދު ވެސް އޮތީ ސުވާލު އުފެދިފައިކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ލުތުފީގެ ކަންތައްތައް ބެލުމަށް ރާއްޖޭގެ ފުލުހުންގެ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނައިރު ކުރިއަށް އޮތް 48 ގަޑިއިރުގެ ތެެރޭގައި ލުތުފީ ރާއްޖެ ގެނެއުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.

މި އަހަރުގެ މެއި 1ވަނަ ދުވަހުން ފެށިގެން، ލަންކާ އެމްބަސީއާ އަމިއްލައަށް ހަވާލުވެ ލުތުފީ އެތަނުގެ ތެރޭ ދިރިއުޅުން ދިޔަ ނަމަވެސް އެކަން ސަރުކާރުން ހާމަ ކުރީ މިދިޔަ ހޯމަ ދުވަހު ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ކުރެއްވި ޓުވިޓަކާއި ގުޅިގެންނެވެ. މި މައްސަލައިގައި މިއަދާހަމައަށްވެސް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ވާހަކަދައްކާފައިނުވާއިރު މިކަން ސިއްރުކޮށްފައި އޮތް އޮތުން ގިނަ ދިވެހިންވަނީ ކުށްވެރިކޮށްފައެވެ.

ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޮޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ އިސްކޮށް ހުރެ، ނޮވެމްބަރު، 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވި އެވެ.