ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ރާއްޖެ ގެންނަން މަސައްކަތް ކުރައްވާނެކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ މެއި މަހުގެ 01 ވަނަ ދުވަހު ލުތުފީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ހާޒިރުވުމުން މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން ފުލުހުން، ލުތުފީއާ ހަވާލުވެ ރާއްޖެ ގެނައުމުގެ މަސައްކަތް ކަމާބެހޭ އެންމެހާ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަކަމަށް ފުލުހުންވަނީ ބުނެފައެވެ.ޕޮލިސް ކޮމިޝަނަރު މުހައްމަދުހަމީދު ވިދާޅުވީ ލުތުފީ ގެނައުމުގެ ކަންކަން ހަމަޖައްސަން ފުލުހުންގެ ޚާއްސަ ޓީމެއް ވެސް ލަންކާގައި ހަރަކާތްތެރިވަމުންދާކަމަށާއި އެ ހުރިހާ ކަމެއް ހަމަޖެހުމާ އެކު ފުލުހުންގެ ޓީމުން އޭނާ މާލެ ގެންނާނެ ކަމަށެވެ.
މީގެ އިތުރުން ހަމީދު ވިދާޅުވީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ލުތުފީ ރާއްޖެ ގެނެވޭތޯ ލަންކާގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ އިރު ގާނޫނާ ޚިލާފަށް ލަންކާގައި ދިގު މުއްދަތެއް ވަންދެން ދިރިއުޅުމުން ދިއުމާ އެކު، ރާއްޖެ އާއި ލަންކާއާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއްވެސް ނެތުމާއެކު އޭނާ ރާއްޖެއަށް ވަގުތުން ގެނައުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ. އަދި އޭނާ ލަންކާގައި ދިރިއުޅެފައި ވަނީ އދ.ގެ ސިސްޓަމްގެ ތެރެއިން ހިމާޔަތް ހޯދައިގެން ކަމަށާއި، ނަމަވެސް އެ ލިޔެކިޔުންތަކުގެ މުއްދަތު ހަމަވެފައިވާކަމަށް ހަމީދު ވިދާޅުވިއެވެ.
ނޮވެމްބަރު ތިނެއްގެ ހަމަލާއާ ގުޅިގެން މަރަން ހުކުމްކޮށްފައިވާ ލުތުފީ ފިލީ އެމްޑީޕީގެ ސަރުކާރުގައި 2010 ވަނަ އަހަރު ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވުމުންނެވެ.އޭނާ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރެފައިވާއިރު ލުތުފީ ރާއްޖެ ގެނެވޭ ފަދަ މައުލޫމާތެއް ދޭ މީހަކަށް، ލައްކައަކަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރުވަނީ އޭރު އިއުލާންވެސް ކޮށްފައެވެ.
ދިވެހި އެމްބަސީގައި ލުތުފީ އުޅެމުންދާކަމަށް ބުނެ އެންމެ ފުރަތަމަ އެކަން ދިވެހިންގެ ސަމާލުކަމަށް ގެނެސްފައިވަނީ ކުރީގެ ހޯމް މިނިސްޓްރ އުމަރު ނަސީރުއެވެ. ސަރުކާރުން މިކަން ބޮޑު ސިއްރެއްގެ ގޮތުގައި ބާއްވާފައިވާއިރު އެމްބަސީ އާއި ފޮރިން މިނިސްޓްރީ އާއި ފުލުހުން ވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފައެއް ނުވެ އެވެ.’ޒާން’ގެ ނަމުގައި ލަންކާގައި ދިރިއުޅެމުންދިޔަ ލުތުފީ ހޯދުމަށް މީގެ ކުރިންވެސް ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ.
ކުށެއް ނެތް އެތައް ދިވެހިންގެ ލޭ އޮހުރުވާލުމަށްފަހު،ލުތުފީ ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ދިޔަތާ ދެ މަހެއްހާ ދުވަސް ވީއިރު ވެސް އެކަން ސަރުކާރުން ސިއްރުކޮށްފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައްވަނީ ސަރުކާރަށް އަމާޒުވެފައެވެ. ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޯޓްގެ ހަނގުރާމަވެރިންނާ އެކު ނޮވެމްބަރު 3، 1988 ގައި ލުތުފީ އިސްކޮށް ހުރެ މާލެ އަރައި ދިން ހަމަލާތަކުގައި 19 ދިވެއްސަކު ޝަހީދުވި އެވެ.