English Edition
Dhivehi Edition

30 ޖޫން 2019 ވަނަ ދުވަހުން ފެށިގެން ހިތަދޫގައި ޙިރާސްކޫލްގެ އާ ޢިމާރާތް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާތީ އެ ސްކޫލް ހިމެނޭ ސަރަޙައްދުގެ މަގުތައް ބޭނުން ކުރާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތަކާއި ގުޅޭ ގޮތުން ކައުންސިލުން އިއުލާނެއް ނެރެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާންގައި ބުނީ ހިރާ ސްކޫލް ހުޅުވުމުން ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު މަގުން ހިރާސްކޫލްގެ ކުރިމަތިން އޮންނަ އަލިވާމަގު އޮންނާނީ ނުވަދެވޭގޮތަށް ބަންދުކޮށްފައިކަމަށެވެ. އަދި ހިރާ ސްކޫލް އަށް ދަތުރުކުރާ ޓްރެފިކް ސްކޫލްގެ ކުރިމައްޗަށް ވަނުމަށް ހަމަޖެހިފައިވަނީ އަމީނީމަގުން ގޮސް ހިރާ ސްކޫލްގެ ކުރިމަތީގައި އަލަށް ހެދި ހިރާމަގުގެ ހުޅަނގުފަރާތު ލޭނުން ގޮސް ސްކޫލްގެ ގޭޓް ކުރިމައްޗަށެވެ. މި ޓްރެފިކް ނިކުންނާނީ ޔޫޓާންއެއް ނަގައި މިމަގުގެ އިރުމަތީ ފަރާތު ލޭނުން ދެކުނަށްގޮސް އަމީނީމަގަށްކަމަށް އިއުލާންގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ހިރާ ސްކޫލަށް ދަތުރުކުރާ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހަވީރީމަގާއި އަލިވާމަގު ގުޅުނު ހިސާބުން ސްކޫލް ސަރަޙައްދަށް ނުވަދެވޭނެކަމަށްވެސް ކައުންސިލުންވަނީ ބުނެފައެވެ.

ކައުންސިލުން ވަނީ އެ އިދާރާއިން އެދުނު ގޮތަށް ހިތަދޫގައި ދަތުރުފަތުރުކުރާ ފަރާތްތަކުން އަމަލުކުރުމަށް އިލްތިމާޒްކޮށްފައެވެ.