English Edition
Dhivehi Edition

ބޭރުގެ އެހީއަށް ބަރޯސާވެފައި ތިބިތިބުން ދޫކޮށްލަންވެއްޖެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއްޔެ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާއި ދިމާކޮށް ‘ސަން އޮންލައިން’ގައި ލިޔެފައިވާ ލިޔުމެއް ޓްވީޓް ކުރައްވަމުން ދުންޔާ ވިދާޅުވީ ބޭރުގެ ފަރާތްތަކުން ދޭ އެހީއަކީ ކޮން ބަޔަކު ކޮން ބޭނުމެއްގައި ދެމުންގެންދާ އެހީތަކެއްތޯ ވިސްނަން ޖެހޭކަމަށެވެ. އަދި އެއްވެސް ބަޔަކު އެދުމެއް ނެތި ވެދުމެއް ނުކުރާނެކަން ގަބޫލުުކުރަންޖެހޭ ކަމަށް ދުންޔާގެ ޓުވިޓްގައި ވަނީ ވިދާޅުވެފައެވެ.

ދުންޔާ މި ގޮތަށް ވިދާޅުވެފައިވާއިރު އިންޑިއާ އިން ރާއްޖެ އަށް ދެމުން އަންނަ މާލީ އެހީތެރިކަން ހަތަރު ގުނަ އިތުރު ކުރަން އެ ގައުމުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. މި އަހަރާއި އަންނަ އަހަރާ ދެމެދު ރާއްޖެ އަށް އެހީގެ ގޮތުގައި ދިނުމަށް 5.6 ބިލިޔަން ރުޕީސް (80.8 މިލިޔަން ޑޮލަރު) ހިމަނާފައި ވެއެވެ. ރައީސް ސޯލިހު މިދިޔަ އަހަރު ޑިސެންބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ އިން ވަނީ ރާއްޖެ އަށް 1.4 ބިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލީޓީ އެއް ވެސް ދީފަ އެވެ.

މީގެ އިތުރުން މޯދީ އިއްޔެ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެ އިން ވަނީ ހަ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.