އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ ބޯޑް އޮފް ޑިރެކްޓަރުންގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަޒާން ޒުހައިރު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އަޒާން މަގާމުން އިސްތިއުފާދެއްވީ އޭނާގެ ބައްޕަ އަދާކުރައްވަމުން ގެންދެވި މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެމްޓީއެސްބީ) ގެ ޑިރެކްޓަރުކަމުގެ މަގާމު ކުއްލި ގޮތަކަށް އުވާލައި، ސަރުކާރުން އޭނާގެ ބައްޕަ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
އަޒާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ބައްޕައަކީ އަބަދުވެސް އިދިކޮޅު އެމްޑީޕީއަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް، އޭވިއޭޝަން ދާއިރާގައި ހުރި ތަޖުރިބާއަށް ބިނާކޮށް، އިންޓަވިއު މަރުހަލާއަކަށްފަހު އޭނާގެ ބައްޕަ އެމްޓީއެސްބީގެ ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރީ ވެރިކަންކުރާ ޕީއެންސީއަށް ތާއީދުކުރަންޖެހޭނެ ކަމުގެ އެއްވެސް ޝަރުތަކާ ނުލައި ކަމަށް އަޒާން ފާހަގަކުރެއްވިއެވެ.
“އެހެން ނޫންނަމަ ބައްޕަ އެ މަގާމާ ހަވާލެއް ނުވީސް،” އަޒާން ވިދާޅުވިއެވެ.
މީގެއިތުރުން، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޑީޕީގެ އެއްވެސް ކެމްޕެއިން ހަރަކާތެއްގައި ބައްޕަ ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށާއި، ހަމައެކަނި ބައިވެރިވެވަޑައިގަތީ އާއިލީ ގުޅުމެއް އޮންނަ އަބްދުﷲ ސޯދިގް (ސޯބެ) ގެ ކެމްޕެއިން ހަރަކާތެއްގައި ކަމަށް އަޒާން ވިދާޅުވިއެވެ.
އަޒާން ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރުގެ ތެރެއިން ބަޔަކު ނުފޫޒު ފޯރުވައިގެން އޭނާގެ ބައްޕަ މަގާމުން ވަކިކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ. އެމްޓީއެސްބީގެ ޑިރެކްޓަރުގެ މަގާމަކީ ސިޔާސީ މަގާމަކަށް ނުވެފައި، އެއީ ކޮންޓްރެކްޓް އުސޫލުން އަދާކުރައްވަމުން ގެންދެވި ވަޒީފާއަކަށް ވުމުން، އޭނާ ވަކިކުރުމުގެ ބޭނުމުގައި އެ މަގާމު މުޅިން އުވާލާފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ.
މިފަދަ ގޮތަކަށް އަމަލުކުރާ ސަރުކާރެއް ތަމްސީލުކުރުމުގައި ދެމިހުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އަޒާން ވަނީ އޭއައިއޭގެ ޗެއާޕާސަންކަމުން އިސްތިއުފާދެއްވިކަން އިއުލާންކުރައްވާފައެވެ. މި މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އެމްޓީއެސްބީއަކީ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރިޔާސީ ގަރާރަކުން އުފެއްދި މިނިވަން މުއައްސަސާއެކެވެ.