ވ.އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޮހޮޅައިގެ ތެރެއިން ފެނިއްޖެ އެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޓޫރިސްޓުން ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ފުލުހުންނާއި އިޓަލީގެ ސަރުކާރުން ފޮނުވި ބޭރުގެ ޑައިވަރުން ގުޅިގެން ހިންގަމުން އަންނަ އޮޕަރޭޝަނުގައި އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނިފައި ވަނީ އެމީހުން ޑައިވް ކުރި ހޮހަޅައިގެ ތެރެއިން ކަމަށެވެ. އަދި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ހޮހަޅައިން ނެގުމުގެ މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ މި ހަށިގަނޑުތައް ހޯދިފައި ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ދިވެހި ފުލުހުން އަދި އިޓަލީ ސަރުކާރުގެ އެހީތެރިކަމާ އެކު އެކަމަށް ހާއްސަކޮށް، ތަމްރީނުވެފައިވާ ފުން ކަނޑުތަކަށް ފީނާ ޑައިވަރުންގެ ޓީމަކުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަަށެވެ.