ރާއްޖެއިން ހިމަބިހި ނުވަތަ މީސްލްސްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 15 އަށް އަރައިފިއެވެ.
ރާއްޖެއަކީ ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ގައުމެއް ނަމަވެސް، މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ރާއްޖެއިން ވަނީ މި ބަލީގެ 15 ކޭސްއެއް ފެނިފައެވެ. މީގެތެރެއިން 4 ކޭސް ފެނިފައިވަނީ ވޭތުވެދިޔަ ހަފުތާގެ ތެރޭގައެވެ. މިހާތަނަށް ޕޮޒިޓިވްވި ހުރިހާ ކޭސްތަކެއްވެސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އެޗްޕީއޭއިން ބުނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިހާރު ވެކްސިން ދެމުންދަނީ ބައްޔަށް ޕޮޒިޓިވްވި މީހުންނާ ދިމާވި ފަރާތްތަކަށް (ކޮންޓެކްޓުންނަށް) އެކަނިކަމަށެވެ. ހިމަބިހިން ރައްކަތެރިވުމަށް ވެކްސިން ނުޖަހާ މީހުންނަށް އަދި ވެކްސިން ޖެހިކަން ކަށަވަރުނުވާ ފަރާތްތަކަށް އަމާޒުކޮށްގެން ވެކްސިން ކެމްޕޭނެއް ފެށުމަށް ތައްޔާރުވަމުން އަންނައިރު އެޗްޕީއޭއިން އަންނަނީ މިކަމަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.