އިންތިހާބަކުން ބަލިވުމާ ގުޅިގެން ދައުލަތުގެ ކުންފުނިތަކުން އިދިކޮޅަށް ތާއީދުކުރާ މުވައްޒަފުން ވަކިކޮށް، ބަދަލުހިފާނީ ތާއީދު ގެއްލި ގޮތް ހުސްވުމުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުުރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ)އަށް ކެމްޕެއިންކުރި މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދާ މައްސަލައިގައި ކަންބޮޑުވުންފާޅުކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ”ޑިމޮކްރެސީ ގަބޫލުނުކުރާ“ މުއިއްޒުގެ ސަރުކާރުން ސޯބެގެ ކެމްޕެއިނުގައި އުޅުނު މުވައްޒަފުން ވަކިކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
މީގެ އިތުރުން، ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރާތީ އަޑުއުފުލި އެ ކުންފުނީގެ ދެ މުވައްޒަފަކު ވެސް ސަރުކާރުން އަންގައިގެން ވަޒީފާއިން ވަކިކޮށްފައިވާކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ޖަގަހަތަކެއް ގޮތުގައި ބޭނުންކުރަމުން އަންނަކަމަށެވެ. އަދި އާއިލާތަކެއް ނިކަމެތިކޮށްގެން ތާއީދު އިތުރުވާނެކަމަށް ދެކިގެންނުވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ބޭއިންސާފުގެ ކުރިމަތީގައި ފަސްނުޖެހި މި ސަރުކާރު ބަލިކުރާނެކަމުގެ ޔަގީންކަން ދެއްވަމުން ފައްޔާޒު ވަނީ ވަޒީފާއިން ވަކިކުރި ބައެއް މުވައްޒަފުންގެ ލިޔުންތައް ވެސް އާންމުކުރައްވާފައެވެ.