English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ

އައްޑޫ ސިޓީއަކީ މާލެ ފިޔަވައި ރާއްޖޭގައި، އެއްގަމު އުޅަނދު ގިނަ އެއް ސަރަހައްދެވެ. އައްޑޫ ސިޓީގެ ހިތްގައިމު މަގުތަކުގައި، އެއްދުވަހުން އަނެއްދުވަހަށް އުޅަނދުތައް އިތުރުވެ ފުރި ބާރުވަމުން އަންނައިރު މިއަދު އައްޑޫގެ މަގުތަކުން ފެންނަ އެންމެ ހިތްދަތި މަންޒަރަކީ، މަގުގެ ދެފަރާތުގައި ތަރުތީބެއް ނެތްގޮތަށް އަތުރާލެވިފައިވާ ސައިކަލުތަކާއި ކާރުތަކެވެ. މިއީ ހަމައެކަނި ދަތުރުފަތުރަށް އެޅޭ ހުރަހެއް ނޫނެވެ. މިއީ ކޮންމެ ވަގުތަކުވެސް ނުރައްކާތެރި ހާދިސާއެއް ހިނގައި، އާއިލާއަކަށް ފޫނުބެދޭވަރުގެ ހިތާމައެއް ލިބިދާނެ ފަދަ “މަރުގެ މަޅިއެކެވެ”.

މަގުތައް ހަނިވެ، ފެންނަ މިންވަރު ކުޑަވުމުގެ ސަބަބުން، ހިނގާ މީހުންނާއި ދުއްވާ މީހުންނަށްވެސް އެތައް އުދަގުލަކާ ކުރިމަތިލާންޖެހެއެވެ. އަޅުގަނޑުމެންގެ ފަރުދީ ފަސޭހައަށްޓަކައި މަގުގެ ކޮންމެ ތަނެއްގައި އުޅަނދު ބަހައްޓާއިރު، އެކަމުގެ ސަބަބުން އަނެކާގެ ފުރާނައަށް ނުރައްކާވެދާނެކަމާ މެދު މިއަދު ސުވާލު އުފައްދަން ވަނީ ޖެހިފައެވެ.

މަގުތަކުގެ ދެފަރާތުގައި އުޅަނދުތައް ޕާކުކުރުމަކީ، ހާއްސަކޮށް އައްޑޫ ސިޓީ ފަދަ އުޅަނދު ގިނަ ސަރަހައްދުތަކުގައި ދަތުރުފަތުރަށާއި އާންމު ސަލާމަތަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

އައްޑޫގައި ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަނެއްގެ ތެރެއިން

1. މަގުތައް ހަނިވެ ދަތުރުފަތުރަށް ހުރަސް އެޅުން

މަގުގެ ދެފަރާތުގައި އުޅަނދުތައް އަތުރާލާފައި ހުރުމުން، ދުއްވާ އެއްޗެއްސަށް ބޭނުންކުރަން ލިބޭ ޖާގަ ވަރަށް ބޮޑަށް ހަނިވެގެންދެއެވެ. އަދި އެއްފަހަރާ ދެކޮޅަށް އުޅަނދުތަކަށް ދަތުރު ނުކުރެވި، ޓްރެފިކް ބްލޮކްވުމުގެ މައްސަލަ ކުރިމަތިވެއެވެ. ބަސް، ލޮރީ އަދި ޕިކަޕް ފަދަ ބޮޑެތި އުޅަނދުތަކަށް މިފަދަ މަގުތަކުން ދަތުރުކުރުމަކީ ނުހަނު އުނދަގޫ ކަމަކަށްވާއިރު އެއްވެސް ތަރުތީބެއް ނެތި ޕާކު ކުރުމުގެ ސަބަބުން ދުއްވާ މީހުންނަށް އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހެއެވެ. ހާއްސަކޮށް ބާރު ބޮޑު މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޕާކުކޮށްފައި ހުންނަ އުޅަނދުގެ ސަބަބުން ދިމާވާ ދަތިތައް ވަރަށް ގިނައެވެެ.

2. ނުރައްކާތެރި އެކްސިޑެންޓުތަކަށް މަގުފަހިވުން

މަގުގެ ދެފަރާތުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކަކީ “މަރުގެ މަޅިއެއް” ފަދަ އެއްޗެކެވެ. ވެހިކަލްތައް ޕާކުކޮށްފައި ހުންނަ ގޮތުން ގޯޅިތަކުން ނުކުންނަ އުޅަނދުތަކާއި، މަގު ހުރަސްކުރާ މީހުން، ނުވަތަ ދުއްވާ މީހުންނަށް ރަނގަޅަށް މަގުގެ ދެކޮޅު ނުފެނުމުގެ ސަބަބުން ކުއްލި އެކްސިޑެންޓުތައް ހިނގަން މެދުވެރިވެއެވެ. މީގެ އިތުރުން އިމެޖެންސީ ހާލަތުގައި ދަތުރުކުރާ އެމްބިއުލަންސް ނުވަތަ ފަޔަރ ލޮރީ ފަދަ ހިދުމަތްތަކަށް ހަނި މަގުތަކުން އަވަހަށް ވާސިލްވުމަށް ހުރަސް އެޅި، ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތައް ހިނގާފާނެއެވެ.

3. ހިނގާ މީހުންނަށް ކުރިމަތިވާ ބިރުވެރިކަން

ދުވާރު ނެތް މަގުތަކުގައި ދެފަރާތުގައި ޕާކުކޮށްފައި ހުރުމުން، ހިނގާ މީހުންނަށް މަގުމަތިން ޖާގައެއް ނޯވެއެވެ. މީގެ ސަބަބުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މަގުގެ މެދުގައި ހިނގަން ޖެހުމަކީ އެމީހުންގެ ސަލާމަތަށް އޮތް ބޮޑު ބިރެކެވެ. އަދި ހަނި މަގުތަކުން ދުއްވާއިރު، ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ޖެހި އުޅަނދަށާއި މީހާއަށް ގެއްލުންވުމުގެ ހާދިސާތައް ވަރަށް ގިނަ ފަހަރަށް ހިނގާފައިވެއެވެ. އައްޑޫ ލިންކް ރޯޑަކީ ބާރު މިނުގައި އުޅަނދުތައް ދުއްވާ މަގަކަށް ވާއިރު، މަގުގެ އަރިމަތީގައި ނުގަވައިދުން ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން އެކްސިޑެންޓުތައް އިތުރުވާކަން ފާހަގަކުރެވެއެވެ.

މަގުމަތީގައި ތަރުތީބެއް ނެތި ޕާކުކުރުން ހުއްޓުވުމަށްޓަކައި، އެކަށީގެންވާ ސަރަހައްދުތަކެއްގައި ޕާކިންގް ޒޯންތައް ހަދަން ޖެހެއެވެ. ހާއްސަކޮށް ފިހާރަތަކާއި، އޮފީސްތަކާއި، އާންމު ހިދުމަތްދޭ ތަންތަން ހުންނަ ސަރަހައްދުތަކުގައި ޕާކު ކުރާނެ ޖާގަ ކަނޑައެޅުމަކީ މަގުތައް ތަރުތީބު ކުރަން ލިބޭނެ ބޮޑު ފަސޭހައެކެވެ.

އައްޑޫސިޓީ ލިންކުރޯޑު: ފޮޓޯ އަޒީމް

ހައްލަކީ ކޮބާ؟

ފަރުޒީ ޒިންމާ އަދާކޮށް ހޭލުންތެރިވުމަކީ އެންމެ މުހިންމު އެއް ކަންތަކެވެ. ތިމާގެ ސައިކަލު ބަހައްޓާ ތަނުގެ ސަބަބުން އަނެކާއަށް އުނދަގޫވެދާނެ ކަމާއި، އެމްބިއުލަންސް ފަދަ އުޅަނދުތަކަށް ހުރަސް އެޅިދާނެ ކަމުގެ ހޭލުންތެރިކަން ރައްޔިތުންގެ މެދުގައި އިތުރުކުރަން ޖެހެއެވެ. “މަގަކީ އެންމެންގެ ހައްގެއް” ކަން ގަބޫލުކޮށް، ތަރުތީބުން ޕާކުކުރުމުގެ އާދަ އަށަގަންނުވަން ޖެހެއެވެ. މަގުމަތީގައި ނުގަވައިދުން ޕާކު ކުރުމުން ތިމާއަށް ވާ އުނދަގޫ އެހެން މީހުންނަށްވެސް ވާނެކަން ގަބޫލުކުރަންޖެހެއެވެ.

އައްޑޫގައި އަލަށް އިމާރާތްކުރާ ގެތަކާއި ވިޔަފާރި ބިނާތަކަކީ އެތަނަކަށް ބޭނުންވާ އުޅަނދުތައް ޕާކު ކުރެވޭނެ އަމިއްލަ ޖާގަ ހިމެނޭ ތަންތަނަށް ހަދަންޖެހެއެވެ. މީގެ ސަބަބުން މަގުމައްޗަށް އޮންނަ ބާރު ކުޑަވާނެއެވެ.

ނުރަނގަޅު ތަންތަނުގައި ޕާކުކުރުން ހުއްޓުވޭނީ ހަރުދަނާ ގަވާއިދުތަކެއް ހުރެގެންނެވެ. ޕާކުކުރުން މަނާ ސަރަހައްދުތަކާއި، މަގުގެ ކޮން ފަރާތެއްގައިކަން ޕާކު ކުރަންވީ ސާފުކޮށް އެނގޭނެހެން ރީނދޫ ރޮނގާއި ނިޝާންތައް ޖެހަންޖެހެއެވެ. ގަވާއިދާ ހިލާފަށް ޕާކުކުރާ ފަރާތްތަކާމެދު ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅައި، މަގުތައް ބަލަހައްޓާ މިންވަރު އިތުރުކުރުންޖެހެއެވެ. ގަވައިދުތަކަކީ ހަމައެކަނި ލިޔެފައިވާ އެއްޗަކަށް ހެދުމުގެ ބަދަލުގައި އެ ގަވައިދުތަކަށް އަމަލުކުރޭތޯ ބަލަންޖެހެއެވެ.