English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އިން އެއް އާއިލާއެއްގެ ތިން ކުދިން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އުމުރުން 03 އަހަރުން ދަށުގެ މި ތިންކުދިން ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ކުދިންގެ މަންމަ ކުދިންނަށް އިހުމާލުވެ އަނިޔާކުރާ މައްސަލަ ޖެންޑާއަށް ހުށަހެޅުމުން ރޭ ގާތްގަޑަކަށް 10:30 އެހާކަށްހާއިރެވެ. މި ތިން ކުދިން ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެ އަންހެންމީހާވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައާއި ގުޅިގެން އޭއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި ކޭހަކީ އެކި ސިފަސިފައިގައި އެކި ގޮތްގޮތަށް ހުށަހެޅެމުން ދާ ކޭހެއް ކަމަށާއި އާއިލާގެ ތެރޭގައި ހިމެނޭ ވަރަށް ގިނަ މައްސަލަތައް އެބަހުރިކަމަށެވެ.

“އޭގެ ތެރޭގައި އާއިލީ މައްސަލަތަކާއި އިހުމާލު ވުމުގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައް ހިމެނޭ. އޭރުއްސުރެން ފެށީގެން އަޅުގަނޑުމެން ވާނީ އެއިރެއްގެ ހާލަތަށް ރިޔާއަތް ކޮށްފައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި.” މިނިސްޓްރީގެ އޮފިޝަލު ވިދާޅުވިއެވެ.

އައްޑޫ ސިޓީ މީދޫ މީހަކާއި ކައިވެނިކޮށްގެން އުޅޭ ގދ.ވާދޫ އަށް ނިސްބަތްވާ މި އަންހެންމީހާ އެކި ފަހަރުމަތިން ކުދިންނަށް އިހުމާލުވެފައިވާ މައްސަލަ ފެންމަތިވެފައިވެއެވެ. މި ގޮތުން 2017 ވަނަ އަހަރުވެސް މި އަންހެންމީހާ އޭނާގެ ދަރިފުޅަށް އަނިޔާކުރާކަމަށް ބުނާ މައްސަލައެއް ޖެންޑާ އިން ވަނީ ބަލާފައެވެ. ކޮޓަރި ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ދަރިފުޅަށް އޭގެ އަސަރު ކުރާ ކަމާއި އެ ކުއްޖާ އަށް ކާން ނުދީ، އިހާނެތިކޮށް ހިތާ ކަމަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އޭރު ޖެންޑާއިން ބުނެފައިވަނީ ކުޑަކުއްޖަކަށް ގެއްލުންވާ ފަދަ މާހައުލެއްގައި ޖެންޑާ މިނިސްޓްރީން އެ ކުއްޖާ ނުބަހައްޓާނެ ކަމަށެވެ. އެހެން ނަމަވެސް ފަހުން އެ ކުއްޖާގެ މާމަ ކުއްޖާ ބަލާނެކަމަށް ބުނުމުން ޖެންޑާއިންވަނީ ކުއްޖާ އެ ކުއްޖާގެ މާމަ އާއި ހަވާލުކޮށްފައެވެ.