English Edition
Dhivehi Edition
އެކަނިވެރިއަންހެންކުއްޖެއް/ފޮޓޯ ކޯޕައިލެޓުން ކުރަހާފައި

މިމައުޟޫޢާއިގެން ކުރިއަށްދާން ވިސްނާލުމާއެކު ޚިޔާލުގޮސް ހުއްޓުނީ ދުރު ހަނދާންތަކަކަށެވެ. އަވަށްޓެރި ގެއެއްގައި އުޅުނު ޒުވާން ދެމަފިރިއަކު ތަޅާފޮޅަނީއެވެ. އަންހެންމީހާގެ ދަތެއްވެސް ބިންދާލައިފިއެވެ. އަދިވެސް އަރައިރުމެއް ނުހުއްޓެއެވެ. އަނގަޔާއި ދެއަތާ ދެފައިން ވެސް ތޮޅެނީއެވެ. މިޚަބަރު އިވުމާއެކު އަޅުގަނޑުގެ މަންމަ އެދިމާއަށް ދުއްވައިގަތެވެ. އިރުކޮޅެއްފަހުން މަންމަ ގެއަށްއައީ އެ އަންހެންމީހާ ގޮވައިގެންނެވެ. ޒަޚަމްތަކަށް ފަރުވާދޭންތިއްބާ ފިރިހެންމީހާވެސް އައިސް މަންމަ ގެ އެމަސައްކަތަށް ޝުކުރުވެރިވާން ހުއްޓެވެ. އެދެމެދުގައި ހިނގި ކަންތަކަށް ސުލްޙަވެރި ޙައްލެއް ލިބުނީ އަވަށްޓެރިންގެ މިންނެތް މަސައްކަތާއި އެއްބާރުލުމުންނެވެ.

މިއީ އަޅުގަނޑުމެންނަށް އޭރު ފެނުނު ޖީލުގެ މީހުން މިފަދަ ކަންކަމުގައި ޢަމަލު ކުރަމުން ދިޔަރީތި ގޮތެވެ. އެކަކަށް ދިމާވާ ކަމެއްގެ ރިހުމާއި އިޙުސާސް އަނެކަކުވެސް ކުރިއެވެ. އެކަކަށްލިބޭ ދެރައިގައި އަނެކާވެސް ޙިއްސާ ވިއެވެ. ފެންނަމުން ދިޔައީ ވަކިން ޚާއްސަކޮށް އަންހެން ކުދިންނަށް އަޅާލާ އޯގާތެރި މުޖުތަމަޢެއްގެ ސިފަ ދިވެހިންގެ ކިބައިން ވިދާ ބަބުޅަމުން ދިޔަ މަންޒަރެވެ.

މިވާހަކަ ދައްކަން މި ޖެހުނީ މިދުވަސްކޮޅު މީސްމީޑިއާގައި މާބާރަށް ދައުރުވި ދިވެހި އަންހެން ކުއްޖެއްގެ ވާހަކައާއި ގުޅިގެންނެވެ. އެކުއްޖާއަށް 18 އަހަރު ކީއްކުރަންތޯ 14 އަހަރު ވީކަމެއްވެސް ނޭނގެއެވެ. އެހެންނަމަވެސް މިހާރުގެ މީސްމީޑިއާ ބަހުރުވައިން ނަމަ އެއީ ވަރަށް ގައްޑާކޮށް އުޅޭ ކުއްޖެކެވެ. ރަށުތެރޭ ގައި މި ވާހަކަދެކެވެންފެށިތާ މާގިނައިރެއް ނުވަނީސް މީސްމީޑިއާއަށް ތިލަވެއްޖެއެވެ. އޭގެތެރެއިން ނަން މަޝްހޫރު ޖުހާ ޕޭޖުގައި ، ފުރާވަރު ޢުމުރުގެ ކުއްޖަކު މީހަކާއެކު ހުރެފައި ގެއެއްގެ ފާރުމަތިން މަގަށް ފޭބި މަންޒަރުގެ ވީޑިއޯ އެއް ޢާންމު ކުރުމާއެކު މުޅި މީސްމީޑިއާގައި އެނޫންވާހަކައެއް ނެތް ކަހަލައެވެ. ވަށްބަހުން ޖެހުމާއި ޖޯކު ޖެހުމާއި މަލާމާތް ކުރަމުން އެ މަންޖެއަށް ކުދި ކިޔުން ނޫންކަމެއް އެދުވަހު ނުފެނެއެވެ. ތެދެއްމެއެވެ. ކުޑަ އަންހެން ކުއްޖަކާ އަޅާ ބަލާއިރު އެފެންނަ މަންޒަރު ކިތަންމެހާވެސް ބޮޑެވެ. ވަރަށް އާދަޔާއި ޚިލާފެވެ. އެހެންނަމަވެސް މިފަދަ ކަމެއް ހިނގުމުން ޢަމަލުކުރަންއޮންނަ ގޮތަކީ މިއީބާވައެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ ޤާނޫނުގެ 33 ވަނަ މާއްދާގެ ށ. މިތާނގައި ނަކަލުކޮށްލާނަމެވެ.

” ކުށުގެ ތުހުމަތުގައިވާ ކުދިންނާއި ، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި އެޑްރެހާއި ތަޢުލީމު ޙާސިލްކުރާ ތަނުގެ މަޢުލޫމާތުފަދަ ޒާތީ މަޢުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެފަދަ އެއްވެސް މަޢުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް ، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަޞީލަތެއްގައި ޝާއިޢުކޮށްގެންނުވާނެއެވެ.” އަޅުގަނޑުމެންގެ ތެރޭގައި މިދެންނެވި މާއްދާއަށް ޢަމަލު ކުރެވޭބާއޭ ހިތަށް އަރައެވެ.

ދެކުނުގެ ރަށެއްގައި އެހިނގި ޙާދިސާއާއި ގުޅިގެން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާން ވިދާޅުވީ ގުޅުންހުރި އިދާރާތަކާއި އެކު އެކަން ފުލުހުން ބަލަމުންދާ ކަމަށެވެ. އަދި މިކަމުގައި މަސްލަހަތު ހިމެނޭ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޔަގީންކޮށް ދިނުމަށް ކުރަންޖެހޭ ކަންކަންވެސް ފުލުހުން ކުރަމުންދާ ކަމަށެވެ. ކުޑަކުދިންނާމެދު އެކުދިންގެ ރައްކާތެރިކަމާއި ދިރިއުޅޭ މާހައުލުގެ އުފާވެރިކަން ގެއްލޭ ޒާތުގެ ވާހަކަ ދެއްކުމާއި ކަންކަން އެއްވެސް ފަރާތަކުން ނުކުރެއްވުމަށްވެސް ޝިފާން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިވެގެން އުޅޭ ގޮތް ސާފުކޮށްލިއިރު ގްރޭޑް 8 ގައި އުޅޭ މި އަންހެން ކުއްޖާ ކިޔަވަންދާ ސްކޫލްގެ ކެންޓީނުގައި ސައިބޯން ހުއްޓާ ހޮޑު ލެވުނު ކަމަށްވެއެވެ. އެއާއެކު ރައްޓެހި ކުދިންގެ މެދުގައި ދެކެވުނު ސަމާސާ ވާހަކައެއްގައި ކުއްޖާ ބެދި ރަށު އެންމެންގެ އިނގިލި އެކުއްޖާއާއި ދިމާއަށް ދިއްކުރެވުނީއެވެ. ކުއްޖާ ބަލިވެއިންކަމަށް ނިންމައި ސްކޫލްގެ ބައެއް ބެލެނިވެރިންގެ ނުރުހުންވެސް އުފެދި ނަފްރަތުގެ ހުޅުރޯވީއެވެ. ރައްޔިތުންގެ ޝަކުވާ މިދަރަޖައަށް ދިއުމުން ފުލުހުންނާއި ޖެންޑާއިން ކުއްޖާ ގެންގޮސް ޑޮކްޓަރަށް ދައްކައި ޓެސްޓުވެސް ހައްދައިފިއެވެ.

މިކަންތައްގަނޑުގެ މެދަށް އެއްކަލަ ވީޑިއޯވެސް ވައްޓާލާ ޢާންމުކޮށްލީއެވެ. ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީއެވެ. އެވީޑިއޯ ކްލިޕް އެއީ، ކްލިޕުން ފެންނަ 3 ނަންބަރުގެ ރޯހައުސްއަށް ކުއްޖާ ގެންގޮސް ބަލާ އައުމުގައި މެދުވެރިއެއްގެ ރޯލްކުޅުނު ބަޔަކު ކޮށްލި ކަމަކަށްވެއެވެ. ވަކިން ޚާއްސަކޮށް އެއީ އެކުއްޖާއާއި ގާތް ގުޅުމެއް އޮންނަ އަންހެނަކު ކާރުގައި ބަލާ އައިސްހުރެ ނަގާލި ވީޑިއޯއެކޯލައެވެ.

ކޮންމެއަކަސް އެންމެންގެ އިންތިޒާރަށް ނިމުން ގެނެސް ޓެސްޓުގެ ނަތީޖާ ހާމަވެއްޖެއެވެ. އެނަތީޖާއަކުން އެކުއްޖާ ބަލިވެއިންކަމަކަށް ނުދެއްކިއެވެ. އެކަމާ ދެކޮޅަށް އަޑު އުފުލި ގިނަ ބަޔަކު ގޭގެއަށް ވަދެ ހިމޭންވި ނަމަވެސް މަދުބަޔަކު ދިޔައީ އެނަތީޖާވެސް ގަބޫލު ނުކޮށް ކުއްޖާއަށް ފުރައްސާރަ ކުރަމުންނެވެ. ކަމާބެހޭ އިދާރާތަކުންވެސް މައްސަލަ ބަލަމުންދާ ކަމަށް ބުނުމުގެ އިތުރަށް ކުރެވޭނެ ވަކި އިތުރުކަމެއް ނެތެވެ. ކަންތައް މިހާހިސާބަކުން ނުނިމެއެވެ. ކުއްޖާއަށް މަގުހިނގުމަށް ދަތިވާވަރަށް ދިމާކުރަންފެށީއެވެ. ސްކޫލަށް ދިއުމަށް ހުރަސް އެޅީއެވެ. ފެންނަހާތާކުން ބަވާ ނަގަނީއެވެ. ނުވިތާކަށް ގޭދޮށަށް އައިސް ދޮރުމަތީ ތިބެވެސް އަޑުހަރުކޮށް އެއްޗިހި ކިޔައި ފުރައްސާރަ ކުރަނީއެވެ.

މިހިސާބަށް ކަންތައް ދިއުމުން ކުއްޖާގެ ޢާއިލާއިންވެސް ތެދުވިއެވެ. މީސްމީޑިއާ ބޭނުންކޮށްގެން ކަމުގެ ޙަގީގަތް ހާމަކޮށްދޭން މަސައްކަތް ކުރިތަން ފެނުނެވެ. އެކަމުގެ ތެރޭ އަނެއްކާވެސް ހައިޖާނެއް ހިނގައިފިއެވެ. އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީއެވެ. އޭނާ އަދިވެސް ހުރީ ހައްޔަރުގައެވެ. މައްސަލައިގެ ޙައްސާސްކަން މިވަރުން ވަޒަންކޮށްލެވޭނެއެވެ.

މިއީ އަޅުގަނޑުމެންގެ މުޖުތަމަޢު މިއަދު ބައްޓަންވެފައި އޮތް ގޮތުގެ ތެރެއިން ފުރޭނިގެން އައި ދެރަ ޙާދިސާއެކެވެ. މިވަގުތާ ހަމަޔަށްވެސް މިޙާދިސާގައި ހިމެނޭ ކުއްޖާއަށް ރުހުމުގެ ލޮލެއް ނެތެވެ. ޙިމާޔަތެއް ނެތެވެ. ކައުންސިލިން ލިބެމުންދިޔަކަމުގައިވިއަސް އިވެމުންދާ އަޑުތަކާހެދި ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނޭކަން ގައިމެވެ. އެއާއެކު އުނގެނުމުންވެސް މަޙުރޫމްވީއެވެ. އަމުދުން ކައުންސިލިންގެ ޚިދުމަތްހާ މިންވަރުވެސް ލިބެންނެތް އެސްކޫލުން ވެދެވޭނެ އެހީއެއްވެސް ނެތީއެވެ. މުޖުތަމަޢުން ވެސް އެކަހެރިކޮށްލީއެވެ.

މިފަދަ ކަންކަމުގައި އުޅޭ މުޖުތަމަޢު ބައިވެރިކޮށް ހޭލުންތެރި ކޮށްދޭނެ ވާލެއް ނެތެވެ. ފުރާވަރު ޢުމުރުގެ ކުދިންނަށް ޖިސްމާނީގޮތުން އަންނަ ބަދަލުތަކާއި ނަފްސާނީ މައްސަލަތަކަށް ފަރުވާ ދޭނެ ހިޔާވައްސެއްނެތެވެ. ކުދިންގެ ދީނީ ޢަގީދާ އިސްލާޙުކޮށް ނަސޭޙަތްތެރިވާނޭ މަދަދުގާރުންނެއް ނެތެވެ. ވަކިން ޚާއްސަކޮށް އަންހެން ކުއްޖަކަށްވީތީ ޣަރީބުކޮށްލައި އަގުވައްޓާލެވޭތީ އެކަމަށް ވަކާލާތު ކޮށްލާނެ މީހަކު ނެތެވެ.

މިޙާދިސާގައިވެސް އަންހެންކުއްޖަކާއި ފިރިހެން ކުއްޖަކު ހިމެނޭއިރުވެސް އަދިއެއީ ކޮންބައެއް ކަން އެނގޭއިރުވެސް އިނގިލި ދިއްކުރެވެނީ ޖިސްމާނީ ގޮތުން ބަލިކަށި އަންހެން ކުއްޖާއަށް އެކަންޏެވެ. މިންތީގެ ހަމަހަމަކަމާއި ޒިންމާ އެއްވަރަކަށް އުފުލަންޖެހޭކަން ކުދިންނަށް ވިސްނައިދޭންޖެހެނީވެސް މިސަބަބުތަކާހެދިއެވެ. މިހުރިހާ ކަމެއް އަންނަނީ ކުދިންނަށް ދިމާވާ ކަންކަމުގެ އެހީއާއި ޙައްލު، ކަމާބެހޭ އިދާރާތަކުން ފޯރުކޮށްނުދެވޭތީއެވެ. ހެދިފައިވާ ގާނޫނު ތަކަކީ ހަމައެކަނި ރައްޔިތުންގެ ލޮލުގައި އެޅިފައިވާ އަނދުނަކަށް ވީތީއެވެ.

މިހުރިހާ ކަމެއް މިއޮތީ މިއަދު ބޮއްސުން ލާފައެވެ. ދިވެހީންގެ މި ދިވެހި ފަސްގަނޑު ޙިމާޔަތް ކުރުމުގައި އެއްވެސް ފަރާތަކަށް ބަރޯސާވުމެއް ނެތި ފަރުދީ ފެންވަރެއްގައި މިއަދު އެންމެން އަތުގުޅާލަންވީއެވެ. މީހަކަށް ކަމެއް ކޮށްލެވުނަސް އެއީ ލައްކަ ބޮޑުވަރެކެވެ.

 

 

1 ކޮމެންޓް
މުޡޫ
ޖުލައި 7, 2024
އައިސާ، މީ ހަބަރެއްތަ؟ ހީވަނީ ވަހަކަ އެއް ހެން!