ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކު ރޭޕްކޮށް ބަލިވެ ބޭންދި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައެވެ.
ފުލުހުން ބުނީ ގއ. ގދ. އަތޮޅުގެ އިތުރުން އައްޑޫ އަދި ފުވައްމުލައް ސިޓީ ހިމެނޭހެން ދެކުނަށް ނިސްބަތްވާ އަތޮޅުގެ ރަށެއްގައި ކުޑަ ކުއްޖަކު ބަލިވެ ބޭންދި މައްސަލައެއް ބަލަމުން އަންނަކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 14 ވަނަ ދުވަހު ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުން އަންނައިރު މި ފަދަ މައްސަލަތަކަކީ ކަމާ ބެހޭ އިދާރާތަކުން ވަރަށް ސީރިއަސްކަމާއެކު ހާއްސަ އަހަމިއްޔަތެއް ދީގެން ބަލަމުން އަންނަ މައްސަލަތަކެވެ.