އުމުރުން 14 އަހަރުގެ މެއިޑަކަށް އަނިޔާކޮށް ޖިންސީ ގޯނާ ކުރަމުން ދިޔަ ދެމަރިފިޔަކު އިންޑިއާގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.
އިންޑިއާގެ ގުރުގްރަމް އަވަށުގެ މިދެމަފިރިން އެކުއްޖާ ގޭގައި ބަހައްޓާފައި ހުންނަނީ ގޭގެ ބައެއް ކަންތައް ކުރުމަށާއި އެދެމަފިރިންގެ ތުއްތު ދަރިފުޅު ބެލުމަށެވެ.
ގުރުގްރަމް ފުލުހުން ބުނީ އަންހެނުންނަށް ކުރާ އަނިޔާ ރިޕޯރޓް ކުރުމަށް ހަދާފައިވާ އެންޖީއޯ އެއް ކަމަށްވާ “ދަ ސަކި ސެންޓްރ” އިން އެކުއްޖާ އަށް އަނިޔާލިބެމުން އަންނަ ކަމަށް ރިޕޯރޓް ކުރުމުން އެމީހުންނާ އެކު އެގެއަށް ގޮސް އެކުއްޖާ މިހާރު ވަނީ ހޮސްޕިޓަލްގައި އެޑްމިޓު ކުރެވިފައެވެ.
ވަޒީފާ އަދާ ކުރަމުން އަންނަ މި ދެމަފިރިން ގެއަށް ވަނުމާއެކު އެކުއްޖާ އަށް އެތައް އަނިޔާ އެއް ކުރެއެވެ. އެގޮތުން ޓޮންގް ހޫނުކޮށްގެން އެކުއްޖާގައިގެ އެކި ތަންތަކުގައި ޖެއްސުމާއި އަދި ޖިންސީ ގޯނާކޮށް ރޭގަނޑު ނިދިޔަ ނުދީ ބަހައްޓާ ކަމަށް ވެއެވެ. މީގެ އިތުރުން އެކުއްޖާ ގައިގައި ކޮންމެ ދުވަހަކު ތެޅުމާއި ކުދި އަނިޔާ ކުރުމާއި ކާން ނުދީ ބަހައްޓާ ކަމަށްވެސް މައްސަލަ ރިޕޯޓް ކުރިމީހާ އިންޑިއާގެ ބައެއް މަސްދަރު ތަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ، އެކުއްޖާ ގެ ގައިގެ އެކި ތަންތަނަށް ވަރަށް އަނިޔާ ކޮށްފައިވާ ކަމަށާއި ތުންފަތްވެސް ވަރަށް ބޮޑަށް ދުޅަވެ ވާހަކަ ދައްކަން ވެސް އުނދަގޫ ކަމަށެވެ. އަދި ވަރަށް ބޮޑަށް ޖިންސީ ގޯނާ ކޮށްފައިވާ ކަން މެޑިކަލް ރިޕޯރޓް ތަކުން ދައްކާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެކުއްޖާ އަށް އެމީހުން ކާން ނުދީ ބަހައްޓާ ކަމަށެވެ. އަދި ކާއެއްޗެ ލިބެނީ އެގޭގެ ޑަސްބިން ހާވައިގެން ކަމަށެވެ. އެގޮތަށް ކަންތައް ކުރުމުން ހަށިގަނޑުވެސް ވަރަށް ބޮޑަށް އަނަރޫފަވެ ގައިގެ ވަރު ދެރަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މަނިޝް ޚައްތަރް އާއި އޭނާގެ އަނބިމީހާ ކަމަލްޖީތް އެކުއްޖާ އަށް އަނިޔާ ކުރި ކަމަށް ވަނީ އެއްބަސް ވެފައެވެ. މިދެމަފިރިން އެކުއްޖާ އެގެއަށް ގެނައީ ވެބްސައިޓަކުން “ބޭބީ ސިޓަރ” އެއް ހޯދުމަށް ބެލި މައުލޫމާތަކަށް ފަހުއެވެ.
މިދެމަރިފިންގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ކުޑަކުއްޖަކަށް އަނިޔާ ކުރުމުގެ ދައުވާއެވެ.