English Edition
Dhivehi Edition

އިންޑިއާއަކީ މިހާރު ވިޔަފާރީގައި ރާއްޖޭގެ އެންމެބޮޑު އެއް ބައިވެރިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ރޭ ދެއްވި ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ކުރިއަށްދިޔަ މި ހަފްލާގައި ރައީސް ވަނީ ރާއްޖެއާ އިންޑިއާގެ ގުޅުމުގެ ދިގުމާޒީއަށް ބައްލަވައިލައްވައި ވާހަކަފުޅު ދައްކަވާފައެވެ.އަދި ދެޤައުމުގެ ޞިއްޙީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ތަޢުލީމީ ދާއިރާފަދަ އެތައް ދާއިރާއަކުން ގުޅިލާމެހިފައިވާ ގައުމެއްކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

ކުރުނބާ ވިލެޖް ރިޒޯޓުގައި ބޭއްވެވި މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާ ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ޖާފަތުގައި ދައުލަތުގެ ވަޒީރުންނާއި، ރާއްޖެއާ އިންޑިއާ ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.