އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގެ ދައުވަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުވާފައިވާކަން އެ ގައުމުގެ ސަރުކާރުން ކަށަވަރު ކޮށްދީފިއެވެ. އަންނަ ހުކުރުދުވަހު ބާއްވާ ހުވާ ކުރުމުގެ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ފޮނުވާފައިވީނަމަވެސް ރަސްމިއްޔާތުގައި އިންޑިއާ ތަމްސީލު ކުރައްވާނެ ބޭފުޅަކު އަދި ނުނިންމާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ތަރުޖަމާނު އެ ގައުމުގެ މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި، މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ދައުވަތު ވަނީ މޯދީއަށް ފޮނުއްވައިފައެވެ. އެކަމަކު، އެ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގަތުމާ މެދު އަދި ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މި ސަރަހައްދުގެ ހުރިހާ ގައުމެއްގެ ވެރިން ހިމެނޭ ގޮތަށް ބޭރުގެ އެކި ގައުމުތަކުގެ ވެރިންނަށް، ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ވަނީ ދައުވަތު ފޮނުވައިފަ އެވެ. ދައުވަތު ފޮނުވި ބޭފުޅުންގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ހިމެނޭ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވާތީ އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް މުހައްމަދު ކުރިން ވިދާޅުވެފައި ވަނީ “ދައުވަތު ފޮނުވަނީ ގައުމަށް” ކަމަށާއި އޭގެ ތެރޭގައި އިންޑިއާ ވެސް ހިމެނޭ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދުވަސްވަރު އިދިކޮޅުން އެންމެ ބޮޑަށް ބޭނުންކުރި ޝިއާރަކީ “އިންޑިއާ އައުޓް” އެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމަށް ގޮވާލައި، އެ ޝިއާރު ބޭނުންކުރިއިިރު އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަކީ، ރާއްޖެ ބޮޑު ނުރައްކަލަކަށް ހުށަހެޅުން ކަމަށް އިންތިހާބީ ރައީސް ގަބޫލުކުރައްވާތީ އިންޑިއާ ސިފައިން ފޮނުވާލުމަކީ އެންމެ ބޮޑަށް އިސްކަން ދޭ އެއް ކަންތައް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު، ރިޔާސީ ގަރާރަކުން އެ ހަރަކާތް މަނާ ކުރުމާ އެކު އިދިކޮޅުން ވަނީ ‘އިންޑިއާ އައުޓް’ ކެމްޕޭން ހުއްޓާލައިފައެވެ.