އައްޑޫ ސިޓީ މީދޫގައި ދިރިއުޅެމުންދާ ގދ.ވާދޫ އަންހެނަކު އޭނާގެ ތިން ކުދިންނަށް އަނިޔާކޮށް އިހާނަތްތެރިކޮށް ކަންތައްކުރަމުންދާކަމަށް އެ އަންހެންމީހާގެ ގޭގައި އުޅޭ މީހުން ބުނެފިއެވެ.
އެގޭގެ މީހަކު ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ބުނީ އެ އަންހެންމީހާގެ ތިން އަހަރުން ދަށުގެ ތިންކުދިން އެބަތިބިކަމަށެވެ. އަދި އެ އަންހެންމީހާ އެ ތިންކުދިންނަށް އަޅާނުލާކަމަށާއި ކުދިންނަށް އަނިޔާކުރާކަމަށް އެ ފަރާތުންވަނީ ބުނެފައެވެ. މީގެ އިތުރުން އެ ފަރާތުން ބުނީ މި މައްސަލަ މިހާރު އައްޑޫގައި ހުންނަ ޖެންޑާ މިނިސްޓްރީއަށްވެސް ހުށަހަޅާފައިވާކަމަށެވެ. “ޖެންޑާއަށް މިހާރު އެތައް ފަހަރަކު ގުޅިއްޖެ. އެކަމަކު އެމީހުން އަދި މި މައްސަލައާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅާ. އަދި މިހާރު ގުޅުމުން ފޯނުވެސް ނުނަގާ. މާލޭގައި ހުންނަ ޖެންޑާއަށް ގުޅުމުން ބުނަނީ އެ މައްސަލަ ހުށަހަޅަންޖެހޭނީ އައްޑޫގެ ގޮއްޕަށޭ. “އެ ފަރާތުން ބުންޏެވެ. “މިހާރު ފުލުހުންނަށްވެސް އަންގައިފިން. މި މައްސަލައިގެ އެމީހުންނަށް ކުރެވޭނެ ހަމައެކަނި ކަމަކީ އެ އަންހެން މީހާއަށް ނަސޭހަތް ދިނުންކަމަށް ފުލުހުންވަނީ ބުނެފަ” މީގެ އިތުރުން އެ ފަރާތުން ބުނީ މިހާރު މި މައްސަލަ ހުށަހަޅަންޖެހޭތަނެއް އެމީހުންނަށްވެސް ނޭގޭ ކަމަށާއި ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ކުރިން މިކަމަށް ފިޔަވަޅު އަޅަންޖެހޭކަމަށެވެ.
2017 ވަނަ އަހަރުވެސް މި އަންހެންމީހާ އޭނާގެ ދަރިފުޅަށް އަނިޔާކުރާކަމަށް ބުނާ މައްސަލައެއް ޖެންޑާ އިން ވަނީ ބަލާފައެވެ. ކޮޓަރި ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ދަރިފުޅަށް އޭގެ އަސަރު ކުރާ ކަމާއި އެ ކުއްޖާ އަށް ކާން ނުދީ، އިހާނެތިކޮށް ހިތާ ކަމަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އޭރު ޖެންޑާއިން ބުނެފައިވަނީ ކުޑަކުއްޖަކަށް ގެއްލުންވާ ފަދަ މާހައުލެއްގައި ޖެންޑާ މިނިސްޓްރީން އެ ކުއްޖާ ނުބަހައްޓާނެ ކަމަށެވެ.
މިމައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް މައްސަލަ ރިޕޯޓު ކުރުމާ ގުޅިގެން މިނިސްޓްރީން ދަނީ މައްސަަލަ ބަލަމުން ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ޖެންޑަރ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި ކޭހަކީ އެކި ސިފަސިފައިގައި އެކި ގޮތްގޮތަށް ހުށަހެޅެމުން ދާ ކޭހެއް ކަމަށާއި އާއިލާގެ ތެރޭގައި ހިމެނޭ ވަރަށް ގިނަ މައްސަލަތައް އެބަހުރިކަމަށެވެ.
“އޭގެ ތެރޭގައި އާއިލީ މައްސަލަތަކާއި އިހުމާލު ވުމުގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައް ހިމެނޭ. އޭރުއްސުރެން ފެށީގެން އަޅުގަނޑުމެން ވާނީ އެއިރެއްގެ ހާލަތަށް ރިޔާއަތް ކޮށްފައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި. އަދި މިއަދު ފާހަގަ ކޮށްފައިވާ މައްސަލަވެސް މިނިސްޓްރީން ވަނީ އެކަށީގެންވާ ފިޔަވަޅު އަޅާފައި. އަދި މައްސަލައާއި ގުޅޭގޮތުން ކަމާ ބެހޭ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅެއް ނާޅާކަމަށް އާއިލާއިން ބުނެފައިވަނީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ވެސް ދަންނަވަން. މައްސަލަ ރިޕޯޓު ކުރުމާއެކު އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި މައްސަަލަ ބަލަމުން މިގެންދަނީ” މިނިސްޓްރީގެ އޮފިޝަލު ވިދާޅުވިއެވެ.
މީގެ ދެ ދުވަސްކުރިން ހަށިވިއްކަމުންދާކަމުގެ ތުހުމަތުގައި ހުޅުމީދޫ ރައްޔިތުން ވަނީ މި އަންހެންމީހާ ފުލުހުންނާއި ހަވާލުކޮށްފައެވެ.