English Edition
Dhivehi Edition

ރާއްޖޭގެ އުތުރުގެ ރަށެއްގައި ގުރުއާން ކްލާސް ހިންގާ މީހަކު، އޭނާ ކިޔަވައިދޭ ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނެފައިވަނީ އުތުރު ފޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ގުރުއާން ކްލާހެއް ހިންގާ ދިވެހި ފިރިހެނެއް، 18 އަހަރު ނުވާ އޭނާގެ ދަރިވަރުން ތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާއިރު މިހާރު މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަ އިތުރުވެފައިވާއިރު މިދިޔަ މަހުގެ ކުރީކޮޅު ވެސް ވަނީ އުތުރުގެ ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން ދާދި ފަހުން ދެކުނުގެ ރަށެއްގައި އާއިލާ މީހުންތަކެއް ވެގެން 2 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.