އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲ އަށް ފަރުވާ ދިނުމުގައި އިހުމާލުވި ދެ ޑޮކްޓަރެއްގެ ލައިސަންސް ސަސްޕެންޑްކޮށްފި އެވެ.
ސަދާގެ ބައްޕަ ސައުދުﷲ އަހުމަދު އަށް އެޑްރެސްކޮށް މިނިސްޓްރީ އޮފް ހެލްތުން ފޮނުވި ސިޓީގައި ވަނީ، މި މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަންކަން ބަލައިދިނުމަށް އެދި އެ މުވައްޒަފެއް ނިސްބަތްވާ ކައުންސިލްތަކަށް ފޮނުވާފައިވާކަމަށެވެ. އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން އެ މައްސަލަ ބެލުމަށް ފަހު، ދެ ޑޮކްޓަރެއްގެ ލައިސަންސް ސަސްޕެންޑު ކޮށްފައިވާކަމަށް މި ސިޓީގައިވަނީ ބުނެފައެވެ، މި މައްސަލަ ރިވިއުކުރުމުގެ މަސައްކަތް މޯލްޑިވްސް އެންޑް މިޑްވައިފަރީ ކައުންސިލުންވެސް ކުރަމުންދާކަން މި ސިޓީގައިވަނީ ފާހަގަކޮށްފައެވެ.
މައްސަލަ ދިރާސާކޮށް ހެލްތު މިނިސްޓްރީން ސަދާގެ ބައްޕައާ ހިއްސާކޮށްފައިވާ ރިޕޯޓުގައިވަނީ ސަދާއަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުން ކުއްޖާގެ މެޑިކަލް ހިސްޓްރީ ރަނގަޅަށް ބަލާފައި ނުވުމުގެ ސަބަބުން ކުއްޖާގެ އަސްލު ބަލި ދެނެގަނެވިފައި ނުވާކަމަށެވެ. އަދި، ކުއްޖާ އެމަޖެންސީ ރޫމަށް ގެންދިޔަ ވަގުތު ކޮންމެހެން ބަލަންޖެހޭ ކަންކަން ބަލާފައި ނުވާކަމަށް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ސީރިއަސް ހާލަތުގައި އޮތް ނަމަވެސް އެގްޒަމިން ނުކޮށް ބޭސް ދިނުމަށްފަހު ކުއްޖާ އެގްޒަމިން ކުރި ކަމަށް ދޮގު މައުލޫމާތު ހުށަހަޅާފައިވާކަން، ވަނީ ފާހަގަކޮށްފައެވެ.
އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު ހެނދުނު ބަނޑަށް ތަދުވެ، ހޮޑުލެވޭތީ، ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ސަދާ ނިޔާވެފައިވަނީ އެދުވަހުގެ އިރުއޮއްސުނު ވަގުތުގައެވެ. މީގެ ކުރިން ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ސަދާގެ ބައްޕަ ސައުދު ބުނީ. ސަދާ އެއްވެސް ބޭހަކަށް އެލާޖިކްތޯ ވެސް އެހީ ސިރިންޖް ކެނިއުލާއަށް ގުޅައި އިންޖެކްޝަން ޖެހި ފަހުން ކަމަށެވެ. އަދި ސަދާއަކީ ޖީސިކްސް ޕީޑީ ޑިފިޝިއަންސީ ކުއްޖެއް ކަމަށާއި އެހެންވުމުން ވަރަށް ގިނަ ބޭސްތަކަށް އެލާޖިކްވާނެ ކަން ޑޮކްޓަރަށް އެނގެންވާނެކަމަށެވެ. ހޮސްޕިޓަލުގެ އިހުމާލުން ސަދާ، ނިޔާވި މައްސަލަ އާއި ގުޅިގެން ހޮސްޕިޓަލު ކައިރީގައިވެސް އިހުތިޖާޖުކޮށްފައިވާއިރު ސަދާގެ ބައްޕަ ބުނީ ހޮސްޕިޓަލުގެ އިހުމާލުން ހިނގާ މިފަދަ ހާދިސާތަކަށް ހައްލު ލިބެން ޖެހޭ ކަމަށެވެ.