އައްޑޫ ސިޓީ މީދޫ ޝަރީފީ ޕްރީ ސްކޫލްގެ މާހެފުން ބާއްވައިފިއެވެ. ކުޑަކުދިންގެ ދުވަސް ފާހަނގަކުރުމަށްޓަކައި ބޭއްވި ހަރަކާތްތަކާއެކު މާހެފުން ބާއްވާފައިވަނީ އިއްޔެ ހެނދުނު އެ ސްކޫލްގައެވެ.
މި މާހެފުމުގެ ސްކޫލްގެ ބެލެނެވެރިންގެ އިތުރުން ކުރިން އެ ސްކޫލަށް ހިދުމަތްކޮށްދެއްވާފައިވާ ގިނަ އަދަދެއްގެ ޓީޗަރުންވަނީ ބައިވެރިވެފައެވެ. މި އިވެންޓާއި ބެހޭ ގޮތުން ސްކޫލްގެ ފަރާތުން ވާހަކަދައްކަމުން ފާތުމަތު ފަރުހާދު ވިދާޅުވީ ޕްރީ ސްކޫލްތަކުގައި ބާއްވާ މިފަދަ ހަރަކާތްތަކަކީ ކުދިންގެ މެދުގައި ސަގާފަތަށް ލޯބިޖެއްސުމުގެ ގޮތުން ބާއްވާ ހަރަކާތްތަކެއް ކަމަށެވެ. އަދި ސްކޫލުން ބާއްވާ މިފަދަ ހަރަކާތްތަކަށް ބެލެނެވެރިންގެ ފަރާތުން ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަނގަކޮށް ފަރު އަންޓީވަނީ ބެލެނެވެރިންނާއި ސްކޫލަށް އެކު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
ޝަރީފީ ޕްރީ ސްކޫލަކީ މީދޫގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ސްކޫލެއް ނަމަވެސް މި ސްކޫލަކީ އަބަދުވެސް ދަރިވަރުންގެ ކުރިއެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ސްކޫލެކެވެ.