މާހެފުމަކީ ޙަރާމް ކަމެއް ނޫން ކަމަށާއި އެކަމަށް ދީނީ ޙުކުމެއް ނެރެންނުޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިގޮތަށް ވިދާޅުވީ ރަމަޟާން މަހުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާނެ ޙަރަކާތްތައް އިފްތިތާޙް ކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.
” މާހެފުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދަކާދައެއް އެއީ ދިވެހިންގެ ސަޤާފަތުގެ ބައެއް.” ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިވަގުތު އިސްލާމްދީނުގެ ކަންކަން ހަވާލުވެ ހުރި މީހެއްގެ ޙައިޞިއްޔަތުން ދަންނަވާނީ މިކަމަކީ ދީނީ ގޮތުން ހަރާން ކަމެއް ނޫން ކަމަށެވެ. އަދި މިއީ ރާއްޖޭގައި ދީނީ ގޮތުން ކުރަމުންދިޔަ ކަމެއް ނޫންކަން ވަރަށް ސާފުކޮށް ތާރީޚީ ގޮތުން އެނގިގެން ގޮސްފިކަމަށާއި މިއީ އަޅުގަނޑުމެންގެ ތެރޭގައި އޮތް އާދަކާދައެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މާހެފުމަކީ ދީނީ ގޮތުން ކުރުން ހުއްދަ ކަމެއް ނޫން ކަމަށްބުނެ ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ވާހަކަދައްކަވާފައި ވަނިކޮށެވެ. އަދި މިނިސްޓަރ ޒިޔާދު ވަނީ މާހެފުމަކީ ޙަރާން ކަމެއް ކަމަށްބުނެ ބައެއް ފަރާތްތަކުން މަޢުލޫމާތު ފަތުރާފައިވާކަން ފާހަގަކޮށް އެކަން ދީނުގަ އޮންނަ ގޮތް ތަފްޞީލް ކޮށްދެއްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ކީރީތި ރަސޫލާ ރިސާލަތައިގެން ވަޑައިގެންނެވިއިރު ޢަރަބިންގެ ތެރޭގައި ހުރި ވަރަށް ގިނަ އާދަކާދަތައް ދީނީ ޙުކުމްތަކަށް ބަދަލުވެގެންދިޔަ ކަމަށެވެ. އެގޮތުން މެހެމާންދާރީ އަދާކުރުމަކީ ޢަރަބިންގެ ތެރޭގައި ވަރަށް ކުރީއްސުރެ އޮންނަ އާދައެއް ކަމަށެވެ. ނަމަވެސް އެކަމަކީ ދީނީ ޙުކުމަކަށް ބަދަލުވެފައިވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ އަންނަ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައެވެ. އެގޮތުން ރަމަޟާން މަހުގެ ރޭތަށް އިހިޔާ ކުރުމާއި މާލޭގެ ހަތް މިސްކިތެއްގައި އަޞްރު ނަމާދަށްފަހު ދީނީ ދަރުސް ދިނުމާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ބާއްވާ ކީރިތި ޤުރުޢާން ކިޔެވުމުގެ މުބާރާތް ބޭއްވުން ހިމެނެއެވެ.