މިދިޔަ ހޯމަ ދުވަހު ބޮލީވުޑްގެ މަޝްހޫރު ބަތަލަ އަކްޝޭ ކުމާރު ކުރި ޓުވިޓްގައި އޭނާ މުޅިން ތަފާތު ކަމެއްގެ ތެރެއަށް ވަންނަން ނިންމާފައިވާ ކަމަށާއި އެކަމާ ހުރެ ތަފާތު އިހުސާސްތަކެއް ކުރެވޭކަމަށް ބުނުމުން ގިނަ ބަޔަކު އެކަމަކީ ކޮބައިތޯ ބަލުމަށްޓަކައި ވަރަށް މަސައްކަތް ކުރިއެވެ.
އަކްޝޭގެ ޓުވިޓްގައި ބުނެފައިވާ ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކަށް އެންމެ ބޮޑަށް ޔަގީން ކުރެވުނީ އޭނާ އިންޑިއާގެ ލޯކް ސަބާ އަށް މެމްބަރުން ހޮވަން މިހާރު ކުރިއަށްދާ އާންމު އިންތިހާބުގައި ވާދަ ކުރަން އުޅޭ ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވާން ފެށި މި ވާހަކަތަކާއި އެކު ގިނަ ބަޔަކަށް މިއީ ހަގީގަތެއް ކަމުގައި ގަބޫލުކުރެވުނު ނަމަވެސް އަކްޝޭވަނީ އެ ދުވަހު ހަވީރު އަނެއްކާވެސް އިތުރު ޓުވިޓެއްކޮށް ގިނަ ބަޔަކަށް ހީވެފައިވާ ހީވުންތައް ދުރުކޮށްދީފައެވެ. . އަކްޝޭ ފަހުން ކުރި ޓުވީޓްގައި ބުނީ އޭނާގެ ޓުވީޓަށް ގިނަ ބަޔަކު ދިން ސަމާލުކަމަށްޓަކައި ޝުކުރުވެރިވާ ކަމަށާއި އެހެން ނަމަވެސް އެއްވެސް އިންތިހާބެއްގައި ވާދަކުރަން ނިންމާފައި ނުވާކަމަށެވެ.އަކްޝޭގެ މި ވާހަކަތަކާއި އެކު އޭނާއަށް ތާއިދުކުރާ ގިނަ ބަޔަކަށްވަނީ ބޮޑު މާޔޫސްކަމެއް ލިބިފައެވެ.
‘ޕެޑްމޭން’ އާއި ‘ޓޮއިލެޓް-އެކް ޕްރޭމްކާތާ’ފަދަ އިންޑިއާގެ ބޮޑެތި މައްސަލަތަކަށް އަލިއަޅުވާލާފައިވާ ފިލްމުތަކުން ފެނިގެން ގޮސްފައިވާ އަކްޝޭގެ މި ވާހަކަތަކާއެކު ގިނަ ބަޔަކުވަނީ އޭނާ އިންތިހާބުގައި ވާދަ ނުކުރިޔަސް ސިޔާސީ ދާއިރާއަށް ނިކުންނަން އުޅޭކަން ޔަގީންވެފައިވާކަމަށް ބުނެފައެވެ. އަކްޝޭއަކީ އަބަދުވެސް މޯދީގެ ސަރުކާރާއި ގާތްގުޅުމެއް ބާއްވަމުން އަންނަ ތަރިއެކެވެ