English Edition
Dhivehi Edition

ރައްޔަތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ފެނިގެންދާނީ ސަރުކާރާއެކު މަސައްކަތް ކުރާ، އެއްބާރުލުންދޭ ޕާޓީއެއްގެ ގޮތުގައި ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ރިޔާޒް ވިދާޅުވީ ޖޭޕީން މަޖިލީހުގައި މަސައްކަތް ކުރާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒް ކުރުމުގައިކަމަށެވެ. އަދި މިހާރުވެސް ޖޭޕީ އިން މަޖިލީހުގައި މަސައްކަތްކުރަމުން ދަނީ ސަރުކާރާއެކުގައި ކަމަށް ރިޔާޒް ވަނީ ވިދާޅުވެފައެވެ.

ރިޔާޒް މިހެން ވިދާޅުވި ނަމަވެސް މަޖިލިސް އިންތިހާބަށް ޖޭޕީ ނުކުތީ އިދިކޮޅު ޕްރޮގްރެސިވް ކޯލީޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީއާ އެކުގައެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުވަމުންދާ މި ދަނޑިވަޅު ނަޝީދު ވިދާޅުވީ ނަވާރަވަނަ ރައްޔަތުންގެ މަޖިލީހުގައި ޖޭޕީވެސް ވާނީ އިދިކޮޅު ޕާޓިއަކަށް ކަމަށެވެ. މި އަހަރުގެ މަޖިލީސް އިންތިހާބުގައި ޖޭޕީ އާއި ޕީޕީއެމް/ޕީއެންސީ ގުޅިގެން މަޖިލީހުގެ ދާއިރާތަކަށް ވާދަކޮށްފައިވާއިރު ތިން ޕާޓީ ގުޅިގެންވެސް މާ ބޮޑު ކާމިޔާބީއެއް އިންތިހާބުގައި ލިބިފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 65 ގޮނޑި ކާމިޔާބުކޮށް އެމްޑީޕީ ވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގާފައެވެ.