ޖުމްހޫރީ ޕާޓީއަށް ވަފާތެރި ބޭފުޅުން އަދިވެސް ތިބީ އެ ޕާޓީގައި ކަމަށް ޖުމްހޫރީ ޕާޓީ ގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.
އަލީ ސޯލިހް ވިދާޅުވީ ޕާޓީގެ ލޯޔަލް މީހުން އަދިވެސް ތިބީ ޕާޓީގައި ކަމަށާއި، ނަމަވެސް އިންޓްރެސްޓްހުރި ދިމާލަކަށް ދިއުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރަން އެ ޕާޓީން ވަނީ ނިންމާފައެވެ، އަދި ޕާޓީގެ ނަމާ ލޯގޯ ބޭނުން ނުކޮށް ކޮންމެ މެންބަރަކުވެސް ތާއިދުކުރަން ބޭނުން ވާ ފަރާތަކަށް ތާއިދުކުރުމުގެ އިހްތިޔާރު ވަނީ ދީފައެވެ.
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީ އާއި އެކު އެ ޕާޓީ ‘ހުއްޓިފައިވާ’ އިރު، އެ ޕަޓީގައި ތިއްބެވި ބައެއް އިސް މެންބަރުން ވަނީ ޕާޓީން ވަކިވެފައެވެ. މި ގޮތުން ޖުމްހޫރީ ޕާޓީން އަލީ ވަހީދު ވަކިވެފައިވާއިރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވަނީ އެމްޑީޕީ އާއި ގުޅިފައެވެ.
މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު ރިޔާޒް ރަޝީދާއި ޖުމްހޫރީ ޕާޓީގެ ޑެޕިޔުޓީ ލީޑަރު އަހުމަދު ސައުދު އާއި، ގާސިމްގެ ރަނިންމޭޓް ޑރ.އަމީން އިބްރާހީމްގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ތާއިދުކުރުމަށް ނިންމާފައެވެ.
މީގެ އިތުރުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އިރު ޕީޕީއެމްގެ ސަރުކާރުގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމާއި ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން ރަޝީދާއި މި ސަރުކާރުގެ ސްޓެލްކޯގެ އެމްޑީ ކަމާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދާކުރެއްވި ހަސަން މުއުނީ ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ.މުހައްމަދު މުއިއްޒަށް ތާއިދުކުރަން ނިންމާފައެވެ.