އެމްޑީޕީން ފުރުޞަތު ދެއްވައިފިނަމަ މަޖިލީހުގެ ނައިބުރައީސްކަން ބަލައިގަންނާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ
ރޭ “ޕީއެސްއެމް” ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އީވާ ވަނީ މަޖިލީހުގެ ނައިބު ރައީސްކަމަށް ކުރިމަތިލެއްވުމަށް ޝައުުގުވެރިވާކަން ހާމަކުރައްވާފައެވެ. އިވާ ވިދާޅުވީ ޕާޓީގެ ތެރެއިން ނައިބްރައީސްގެ މަގާމަށް ކުރިމަތިލައްވަން ޝައުގުވެރިކަން ހުރިހާ ކޮން ބޭފުޅުނެއްކަމެއް އަދި އެނގިނުލައްވާކަމަށެވެ. އަދި އެކަން ނިމިގެންދާނީ ޕާޓީގެ އެތެރޭގައި މަޝްވަރާކުރެވިގެން ވޯޓަކަށް އަހަންޖެހިއްޖެއްޔާ ވޯޓަކަށްވެސް އަހައިގެން ކަމަށް އިވާ ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު މެޖޯރިޓީ އާއި އެކު ފަރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީ އިން ގެންނާނީ އަސްލަމް ކަމަށާއި އަދި ނައިބު ރައީސަކަށް ގެންނާނީ އީވާ ކަމަށް ވަރަށް ގިނަ ފަރާތްތަކުންވަނީ ބުނެފައެވެ. މި ވާހަކަތަކާއި ގުޅިގެން އީވާ ބުނީ މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ގެންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އަޑު އޭނާ އެއްސެވި ކަމަށެވެ. އަދި އަސްލަމް އަކީ ކަންކަމަށް ތަފާތު ވިސްނުމެއް ގެންގުޅުއްވާ ވިސްނުން ތޫނު ބޭފުޅެއް ކަމަށާއި އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ގެންނަން އޭނާ ވެސް ތާއީދު ކުރައްވާ ކަމަށެވެ.
2009 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އިވާގެ އިތުރުން އަދި މިހާތަނަށް އެއްވެސް މެމްބަރަކު މަޖިލީހުގެ ނައިބު ރައީސްކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.