English Edition
Dhivehi Edition

ސަރުކާރުން ސްޕޮންސަރ ދީގެން މީޑިއާތައް ކޮންޓްރޯލް ކުރަން އުޅުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވެފައި މިވަނީ “ވަރލްޑް ޕްރެސް ފްރީޑަމް އިންޑެކްސް” ގައި ރާއްޖެ، ކުރީ އަހަރަށް ވުރެ 15 ދަރަޖަ ވެއްޓުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އީވާ ވިދާޅުވީ ފެނިގެންދަނީ ސަރުކާރުން ބޭނުންވާ ވަކި އެޖެންޑާތަކެއް ފެތުރުމަށްޓަކައި ވަކިވަކި މިނިސްޓްރީތަކާއި ކުންފުނިތަކުން މިލިޔަނުން ޚަރަދު ކުރަމުންދާކަމީ މީޑިއާތަކަށް ނުފޫޒު ފޯރުވާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަންޖެހޭނީ މިނިވަން މީޑިއާއަކަށް ފުރުޞަތު ދޭން ކަމަށެވެ.

180 ގައުމު ހިމެނޭ އެ އިންޑެކްސްގައި މި އަހަރު ރާއްޖެ 87 ވަނައިގައި އޮތްއިރު، މިދިޔަ އަހަރުގެ އިންޑެކްސްގައި ރާއްޖެ އޮތީ 72 ވަނައިގައެވެ.

މިއީ ފާއިތުވެ ދިޔަ ހަތަރު އަހަރުގައި މި އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު ރާއްޖެ 120 ވަނައިގައި އޮތް އިރު، 2019 ވަނަ އަހަރު ރާއްޖެ އޮތީ 98 ވަނައެވެ. އަދި 2020 ވަނަ އަހަރު 79 ވަނައިގައި އޮތް އިރު، މިދިޔަ އަހަރު 72 ވަނައަށް ރާއްޖެ ޖެހިލިއެވެ.