ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޕީޕީއެމް އޭގެ ހައްގުވެރިންނަށް ދެއްވާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދަވާފައިނުވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މައަމޫން މިހެން ވިދާޅުވީ ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީން ވާދަކުރެއްވި ކެންޑިޑޭޓުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި މައުމޫން ވިދާޅުވީ ޕީޕީއެމް މިހާރު ހިންގަނީ ހައްގު ނޫން ބައެއް ކަމަށާއި ހިންގުން ހަވާލުކުރީ އަސާސީ ގަވައިދުން ތަންދޭ ބަޔަކަށް ނޫން ކަމަށެވެ. މީގެ އިތުރުން މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ސޯލިހު ވެސް އެމަނިކުފާނަށް ނުވަތަ އެމްއާރްއެމްއަށް ވެވަޑައިގެންނެވި ވައުދަކީ ޕީޕީއެމް އޭގެ ހައްގުވެރިންނަށް ހޯދައިދިނުން ކަމަށާއި ނަމަވެސް އެ ވައުދު ރައީސް ސޯލިހު އަދިވެސް ނުފުއްދަވާކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު އއ. ތޮއްޑޫއަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕީޕީއެމް، އޭގެ އަސްލު ހައްގުވެރިންނާ ހަވާލުކޮށް ދެއްވާނެ ކަމަށް ވިދާޅުވެ ވައުދުވެވަޑައިގެންފައެވެ.
ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް ކުރިމަތިވެ ވަޑައިގަތް ނާކާމިޔާބީ އާއި އެކު ބޭއްވި އެ ޕާޓީގެ ކޮންގްރެސް ބާތިލުކޮށް ދިނުމަށް މައުމޫންގެ ފަރާތުން ކޯޓަށް ހުށަހެޅުނެވެ. ނަމަވެސް . އެ ކޯޓުން ކަނޑައެޅީ ޕީޕީއެމްގެ ރައީސްއަކީ ރައީސް ޔާމީން ކަމަށެވެ. އޭގެ ފަހުން އެމްއާރްއެމް ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް މައުމޫން ފެއްޓެވި ނަމަވެސް ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 ސޮއި ހަމަނުވުމުގެ ސަބަބުން އަދިވެސް ޕާޓީ އެއް އުފެއްދޭ ގޮތްވަނީ ނުވެފައެވެ.