English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ މުލިމަތި ޔުނައިޓެޑްއިން އިސްނަގައިގެން މީދޫ ގައި ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ދުވަސް ފާހަނގަކުރުމުގެ ގޮތުން އެ ޖަމިއްޔާއިންވަނީ އޮޓިޒަމް އާއި ބެހޭ ގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، އެ ކަމާއި ގުޅޭ އެކިއެކު މައުލޫމާތުތައް ހިމެނޭ ބޯޑްތަކާއެކު ރަށުގެ އެކި ސަރަހައްދުގައި ފޮޓޯނެގުމުގެ ހަރަކާތްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން މި ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި އޮޓިޒަމް އާއި ބެހޭ ގޮތުން ޖަމިއްޔާގެ މެމްބަރުންނަށާއި އާންމުންނަށް ވަނީ ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައެވެ.

މި ދުވަސް ފާހަނގަކުރުމާއި ބެހޭ ގޮތުން ވާހަކަދައްކަމުން މި ހަރަކާތް އިންތިޒާމްކޮށް އިސްކޮށް ހަރަކާތްތެރިވި ޝަމްސުއްނިސާ ބުނީ، އަދިވެސް މިފަދަ މުހިއްމު ދުވަސްތައް ރަށު ފެންވަރުގައި ފާހަނގަކުރާ ގޮތް ވަރަށް މަދުކަމަަށެވެ. “މިފަދަ މުހިއްމު ގިނަ ދުވަސްތައް ރަށު ފެންވަރުގައި ގިނަ ފަހަަރަށް ފާހަނގަ ނުވެސްކުރޭ. އެހެންކަމުން ގިނަ މީހުންނަށް މިކަމާއި ގުޅޭ މައުލޫމާތާއި މި ދުވަސްތައް ރަގަޅަށް ނުވެސް އެގޭ”ޝަމްސު ބުންޏެވެ. މީގެ އިތުރުން ޝަމްސު ބުނީ އެ ޖަމިއްޔާއިން މި އަހަރު ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި މިފަދަ މުހިއްމު ދުވަސްތައް ފާހަނގަކުރުން ހިމޭނޭކަމަށެވެ. “ފުރަތަމަ އަހަރުވީމަ އެހާ ބޮޑެތި ހަރަކާތްތަކެއް ނުބޭއްވުނު ނަމަވެސް މިކަމަށް ރައްޔަތުންގެ އެއްބާރުލުން ލިބި މި ދުވަސްތައް އެގެން ފެށުމުން ބޮޑެތި ހަރަކާތްތައް ރަށު ފެންވަރުގައިވެސް ބޭއްވުން އެންމެ ބޮޑު މަގްސަދަކީ” ޝަމްސު ބުންޏެވެ.

ރާއްޖޭގައި އޯޓިޒަމްގެ ހާލަތު އޮތްމިންވަރެއް ބެލުމަށް ވަކި ދިރާސާއެއް މިހާތަނަށް ކުރިވިފައިނުވާއިރު އޮޓިޒަމް ކުދިންނަށް ފަރުވާގެ އިންތިޒާމެއް ހަމަޖެއްސުމަށް އުފެއްދި އެސޯސިއޭޝަންގައި މިހާރުވެސް 80 ވަރަކަށް ކުދިންނަށް ތެރަޕީ ދެމުންދާ ކަމަށް އެއެސޯސިއޭޝަނުން ބުންޏެވެ.

ބައިނަލްއަގުއާމީ ގޮތުން ފާހަގަކުރާ އޯޓިޒަމް ދުވަހަކީ އެޕްރީލް މަހުގެ ދެވަނަ ދުވަހެވެ.އޯޓިޒަމްއަށް މީހުން ހޭލުންތެރި ކުރުވުމުގެ ދުވަހެއް ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަ ކުރުމުގެ މައިގަނޑު މަގްސަދަކީ ކަމާބެހޭ މައުލޫމާތުތައް އާންމު މުޖުތަމައަށް ފޯރުކޮށްދިނުމެވެ.

ޓެގު