އުމުރުން 19 އަހަރުގެ އޯޓިޒަމް ހުންނަ ގްރެޖުއޭޓް ދަރިވަރެއް އޭނާގެ ބައްޕަގެ އެހީތެރިކަމާއެކު ލިންކްޑްއިންގައި ޕްރޮފައިލެއް ހުޅުވީ އައި.ޓީ. ނުވަތަ އެނިމޭޝަން ދާއިރާއިން ވަޒީފާގެ ފުރުސަތެއް ހޯދުމުގެ އުއްމީދުގައެވެ.
އޭނާ އަމިއްލަ އަތުން ލިޔެ، ފޮޓޯއެއް ނަގާ ޕޯސްޓްކުރި ސިޓީ ވަނީ ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ. 07 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާ މި ސިޓީއަށް ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ވަނީ ޖަވާބުދީފައެވެ.
ރާޔަން އެ ސިޓީ ޕޯސްޓް ކޮށްފައި ވަނީ ކެޕްޝަންގައި “ވަޒީފާތަކަށް މީހުން ހޯދާ ކުންފުނިތަކާއި މީހުން، އަޅުގަނޑުގެ ސިޓީ ބައްލަވާ!” މިހެން ލިޔެފައެވެ.
“އަޅުގަނޑަށް ކިޔަނީ ރާޔަން ލައުރީ. އުމުރުން 19 އަހަރު. ދިރިއުޅެނީ ވާޖިނިއާގަ އަދި އަޅުގަނޑުގެ އޯޓިޒަމް ހުރޭ.” ރާޔަން ސިޓީގެ މައިގަނޑު ފަށަމުން ލިޔެވައިވެއެވެ. “އަޅުގަނޑަކީ ހިސާބު މާއްދާއަށް މޮޅު، ޓެކްނޮލޮޖީ އާއި ރައްޓެހި އަދި ވަރަށް އަވަހަށް އައު ކަންތައް ދަސްކުރާނެ ތަފާތު މަޖާޒީއެއް ގެންގުޅޭ މީހެއް.” ރާޔަން
“އަޅުގަނޑަށް އެނގިފައިވާ ގޮތުން އަޅުގަނޑު ކަހަލަ ކުއްޖަކަށް ފުރުސަތެއް ދޭންވާނެ. އަޅުގަނޑަށް އެހެން މީހުން ދަސްކުރާ ގޮތަކަށް ދަހެއް ނުކުރެވޭނެ. އަޅުގަނޑަށް ކިޔަވައިދޭން ހާއްސަ މީހެއް ބޭނުންވާނެ. އަކަމަކު އަޅުގަނޑު ވަރަށް އަވަހަށް ދަސްކުރާނެ. އެއްފަހަރުވެސް ކިޔާ ދީފިއްޔާ އަޅުގަނޑަށް ނަގައިގަނެވޭނެ.” ރާޔަން ލިޔުނެވެ.
“އަޅުގަނޑަށް ވަޒީފާދީ، ދަސްކޮށްދީފިއްޔާ އަޅުގަނޑު ކޮންމެ ދުވަހު ހާޒިރުވެ، ކުރަން ހަވާލުކުރާ މަސައްކަތްތައް ފަރުވާތެރިކަމާއެކު ނިންމާ އަދި ވަޒީފާގައި ދެމިހުރުމަށް ގަދައަޅާ މަސައްކަތްކުރާނެ ކަމަށް ވަޢުދުވަން. މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަން ބޭނުންފުޅުވާ ނަމަ އަޅުގަނޑަށް އަންގަވައިދެއްވާ. ޝުކުރިއްޔާ!” ރާޔަންގެ ސިޓީ ނިންމާލަމުން ލިޔުނެވެ.
އޭނާގެ ބެލެނެވެރިން މަޢުލޫމާތު ހިއްސާކޮށްފައިވާ ގޮތުން ރަޔާންގެ މި ސިޓީ ލިންކްޑްއިން ގައި މަޤުބޫލުވެގެން ގޮސްފައިވާ ވަރުން ޑެލް، އެމަޒޯން، މައިކްރޯސޮފްޓް ފަދަ ކުންފުނިތަކުން ވެސް އެމީހުންނަށް އެކިފަހަރު މަތިން ގުޅަމުން ދިޔައެވެ.
“އެކްސެޕްޝަނަލް މައިންޑްސް” ނަމަކަށް ކިޔާ ޑިޖިޓަލް އާޓިސްޓުންނާއި އެނިމޭޝަން ދާއިރާއަށް ޝައުގުވެރިކަން ހުންނަ އޯޓިޒަމް ކުދިންނަށް ކިޔަވައިދީ ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ހާއްސަކުރެވިފައިވާ އެކަޑަމީއެއްގެ ސަމާލުކަމަށް މި ސިޓީ އައިސް މިހާރު ރަޔާން އަށް ވަނީ ސްކޯލަރޝިޕް ލިބިފައެވެ.
“އަޅުގަނޑު ފަހުރުވެރިވޭ. ކޮންމެ މަންމައެއް ވެސް ބޭނުންވާނެ ދަރިން ބޮޑެތިވެ އަމިއްލަ ފައި މައްޗަށް ތެދުވެ ކާމިޔާބު ދިރިއުޅުމެއް އުޅެން. ރާޔަން އަމިއްލައަށް މިފަދަ ފުރުސަތެއް ހޯދުމަށް މީހުންނާއި ކުރިމަތިލާފައި އެހެން މީހުންގެ ފަރާތުން މިކަމަށް މިލިބޭ ތަރުހީބު ފެނިފައި ހަމަ އަންތަރީސްވި.” އޭނާގެ މަންމަ ބުނެއެވެ.