English Edition
Dhivehi Edition

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔަތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރެއްވި މެމްބަރުން ހުވާ ކުރާނީ އަންނަ މެއި މަހުގެ 28 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

18 ވަނަ ރައްޔަތުންގެ މަޖިލީހުގެ މެމްބަރުންވެސް ހުވާކުރެއްވީ 28 މެއި 2014 ގައެވެ. ދިވެހިރާއްޖޭގެ ޤާނުނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޢުމުރަކީ، މަޖިލިސް އިންތިޚާބު ކުރުމަށްފަހު ފުރަތަމަ ޖަލްސާ ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަސް ކަމުގައެވެ.

19 ވަނަ ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް މެމްބަރުން އިންތިހާބުކޮށްފައިވާއިރު މި އިންތިހާބުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށް މަޖިލީހުގެ ސުޕަމެޖޯރިޓީ ނަގާފައިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިންނެވެ. އެމްޑީޕީއިން މި އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ކުރީގެ ރައީސް ޔާމީގެ ޕީޕީއެމް/ޕީއެންސީ އަށް ކާމިޔާބުކުރެވިފައިވަނީ ޖުމްލަ 07 ގޮނޑިއެވެ. މި ސަރުކާރު ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރި ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއަށް 06 ގޮނޑި ކާމިޔާބުކުރެވުނު އިރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބުކުރެވިފައެއް ނެތެވެ. މި އިންތިހާބުގައި އެމްޑީއޭ އިން 02 ގޮނޑި ކާމިޔާބުކުރިއިރު އަމިއްލަ ގޮތުން ވާދަކުރި 07 ފަރާތަކުންވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.