English Edition
Dhivehi Edition

އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ބޭނުންކުރާ ވޯޓު ކަރުދާސްތައް ޗާޕްކުރީ ނޮވެލްޓީ ޕްރިންޓާސްއިން ކަމަށް އިލެކްޝަންސް ކޮމިޝަން ބުނެފިއެވެ.

މިއަދު އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިއަހަރު މަޖިލިސް އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 264،442 ކަމަށާއި، މިފަހަރުގެ އިންތިޚާބަށް 267،159 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ކަމަށެވެ.

އިންތިޚާބުގައި ވޯޓު ކަރުދާސްތައް ޗާޕްކުރުމަށް ބިޑްކުރީ ނޮވެލްޓީގެ އިތުރުން މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާސް ޕްރިންޓްކުރި އެމް7 އެވެ.

ވޯޓު ކަރުދާހާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ ވޯޓު ކަރުދާސް ޗާޕްކޮށްފައި ހުންނާނީ ކަޅާއި ހުދުން ކަމަށާއި މިފަހަރު ބޭނުންކުރާ ވޯޓު ކަރުދާހުގައި ސެކިއުރިޓީ ދެ ފީޗާއެއް ހިމަނާފައިވާނެ ކަމަށެވެ.

މިހާރު ވޯޓު ކަރުދާސް ޗާޕްކުރުމުގެ ހުރިހާ ކަމެއް ނިމިފައިވާއިރު ޝަރީފް ވިދާޅުވީ ނޮވެލްޓީއިން ވޯޓު ކަރުދާސް ޗާޕްކުރުމަށް 2.6 މިލިއަން ރުފިޔާ އެންމެ އަގު ހެޔޮކޮށް ހުށަހަޅާފައި އިރު، ވޯޓުކަރުދާސް ޗާޕްކުރުމުގައި ގޮތެއް ނިންމަން ފިނޭންސް މިނިސްޓްރީ އަށް ފޮނުުވުމުން ޓެންޑަ ބޯޑުން ނިންމި ގޮތަށް ނޮވަލްޓީ އާއި އެކަން ހަވާލުކޮށްފައިވާކަމަށެވެ.

މާލިއްޔަތު ގަވައިދުގައިވާ ގޮތުން 2.5 މިލިއަން ރުފިޔާ އަށް ވުރެ އިތުރަށް އެއްވެސް ކަމެއްގައި ހަރަދެއް ކުރާ ނަމަ، އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނީ ފިނޭންސް މިނިސްޓްރީގެ ޓެންޑަ ބޯޑުންނެވެ.