އާންމުކޮށް އުފަންދުވަހަކީ އެހެން މީހުންގެ ފަރާތުން ހަދިޔާ ލިބޭ ދުވަހެއް ނަމަވެސް މަޝަހޫރު ބޮލީވުޑްގެ ބަތާލާ އާލިއާ ބަޓް ވަނީ އޭނާގެ އުފަންދުވަހު މިކަން ތަންކޮޅެއް ތަފާތުކޮށް ފާހަނގަކޮށްފައެވެ. އާލިއާ މިވަނީ އޭނާގެ 26 ވަނަ އުފަންދުވަސް ފާހަގަކޮށް އޭނާގެ މުއައްޒަފުންނަށް ހަދިޔާ ދީފިއެވެ.
15 މާރިޗް ގައި ފާހަނގަކުރި އާލިއާގެ އުފަންދުވަހު އޭނާވަނީ ދެ މުއައްޒަފަކަށް 50 ލައްކަ ރުޕީސް ހަދިޔާކޮށްފައެވެ. އާލިއާގެ ޑްރައިވަރު ސުނިލް އަށާއި، ގޭގައި ގެންގުޅޭ މަސައްކަތު މީހާ އަންމޯލް އަށް ގެއެއް ގަތުމަށްޓަކައި ފައިސާ ހަދިޔާކޮށްފައިވާއިރު މިހާރު އެ ދެމީހުންވެސް ގެއެއް ގަތުމުގެ މަސައްކަތްކުރަމުންދާ ކަމަށް ބޭރުގެ މީޑިއާތަކުންވަނީ ބުނެފައެވެ.
މިއީ އާންމުކޮށް ބޮލީވުޑްގެ ތަރިން ކުރާކަމެއް ކަމުގައި ނުވިނަމަވެސް އާލިއާ ބުނެފައިވަނީ އެ ދެމީހުންނަކީ އޭނާގެ ފިލްމީ މަސައްކަތްތަކުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ދެމީހުންކަމަށެވެ. އަދި މި ހަދިޔާއަކީ އެމީހުން ވެދޭ އެހީތެރިކަމާއި އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެއްކަމަށް އަލިއާވަނީ ބުނެފައެވެ.