ރައްޔަތުގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ގޮނޑީގައި އިންނަވާ މީހަކީ މި ސަރުކާރުގެ ހުންގާނުގައި ހިފައިގެންދާނެ މީހަކަށް ވާންޖެހޭނެ ކަމަށް ހުޅުދޫ ދާއިރާ ގެ އެމްޑީޕީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ހުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިލްޔާސް ވިދާޅުވީ މި ދާއިރާއަށް ވާދަކުރައްވަން ނިންމީ ހަމައެކަނި ރައްޔަތުންގެ މަޖިލީހުގެ ގޮނޑީގައި އިންނަވަން ނޫންކަމަށާއި ހުޅުދޫ އާއި އައްޑޫ އަދި މުޅި ރާއްޖެ ތަރައްގީކުރުމަށް ކަމަށެވެ. އަދި ހުޅުދޫގެ ރައްޔަތުން މިހާރުގެ ސަރުކާރަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން އިލްޔާސްވަނީ މިހާރުވެސް ހުޅުދޫއަށް ބޭނުންވާ ގިނަކަންތައްތަކެއްގެ ވާހަކަ ރައީސް އާއި ހިއްސާކުރައްވާފައެވެ. މި ގޮތުން އިލްޔާސް ވިދާޅުވީ ރަށުގެ ސިއްޙީ މަރުކަޒު އެކަށީގެން ވާ ފެންވަރަށް ތަރައްޤީކުރެވި، މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން އެކަމުން ސަލާމަތްވުމަށް ރިހިބިލިޓޭޝަން ސެންޓަރެއްގައިމުކޮށް ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައެވެ. އަދި ދެކުނުގެ ރަށްތަކުގެ ނަމޫނާ ގެސްޓު ހައުސް ވިޔަފާރި ހިންގާ ރަށަކަށް ހުޅުދޫ ވެގެން ދިއުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމުގައި އިލްޔާސް ވިދާޅުވިއެވެ. އަދި ރަށުގެ އާބާދީގެ %63 މީހުން ރަށް ދޫކޮށް ހިޖުރަކޮށްފައިވާއިރު، ރަށުގައި ފުރުސަތު އިތުރުކޮށް، ރަށުގެ މީހުން ރަށަށް ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން އިލްޔާސް ވިދާޅުވީ ނިމި ދިޔަ ޔާމީންގެ ސަރުކާރުގައި އައްޑޫ ސިޓީ ހުޅުދޫ މަގު ހެދުމުގެ ބޮޑު މަޝްރޫއެއްގެ ރަސްމިއްޔާތު ބޭއްވުނުކަމަށާއި މިއަދާއި ހަމައަށްވެސް އެކަން ކުރެވިފައި ނެތްކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ހުޅުދޫ މީދޫގެ މަގުތައް ހަދަން ފަށާނެކަމަށް އިލްޔާސްވަނީ ވިދާޅުވެފައެވެ.