އެއް ހަރަކުން، މޫމިނުން ގަޔަކަށް، ދެ ފަހަރަކު އިރާދަކުރެއްވިއްޔާ ކައްޓެއް ނުޖެހޭނެކަމަށާއި މިފަހަރު އެމްޑީޕީއިން ނިކުމެ ތިބީ މި ރާއްޖޭގެ ސިޔާސީ ހަގީގަތްތައް ވަރަށް ރަނގަޅަށް އެގިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ސަރުކާރަށް އެކި ކަހަލަ ހުރަސްތައް ކުރިމަތި ކުރާނެ ކަމަށެވެ.”2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތެއްގައި ބަޣާވާތަކުން ނިމުމަކަށް ގެނެވުނީ ވެސް މަޖިލީހުގެ އަޣުލަބިއްޔަތު އޭރު ސަރުކާރަށް ނެތުމުން. އޭރުގެ މަޖިލީހުން ސަރުކާރުގެ މިނިސްޓަރުން މަގާމުން ދުރުކޮށް، ޕްރޮޖެކްޓްތައް ހުއްޓުވަން ފެށުމާއި ގުޅިގެން ދައުލަތުގެ މުއްސަސާތަކުން ސަރުކާރަށް ކުރާ އިތުބާރު ގެއްލުނީ އަދި ފަނޑިޔާރުން ވެސް ސަރުކާރާ ދުރުވާން ފެށީ”ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި ނެތްނަމަ ވަޒީރުން ވަކިކޮށް ޕްރޮޖެކްޓްތައް ހިންގުމަށް ފައިސާއަށް ދަތިކޮށް ސަރުކާރު ބަލިކަށިކުރާނެކަމަށެވެ. އަދި ސަރުކާރުގެ މުއައްސަސާތައް ސަރުކާރަށް އިތުބާރުކުރުން ކުޑަވެގެން ދިއުމާއި އެކު ފަނޑިޔާރުގެތަކުގެ އިތުބާރު ސަރުކާރަށް ގެއްލިގެންދާނެކަމަށެވެ. އަދި މި ފަދަ ހާލަތެއްގައި ފިތުނަވެރި ފަރާތްތަކަށް ސަރުކާރު ވައްޓާލާ ބަޣާވާތް ކުރަން އެދޭ ފަރާތްތަކަށް މަގު ފަހިވެގެންދާނެކަމަށް ނަޝީދު ވިދާޅުވިއެވެ.