އައްޑޫ ސިޓީ ހުޅުމީދޫގައި ކުރިން ކުނި ކޮއްޓެއްގެ ގޮތުގައި ބޭނުންކުރި ސަރަހައްދަށް ކުނިއެޅުމަކީ 04 މާރިޗު 2019 ވަނަ ދުވަހުން ފެށިގެން މަނާ ކަމެއް ކަމުގައި އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ހުޅުދޫމީދޫ ބްރާންޗުގެ ސީވޭޖް ޓްރީޓް ޕްލާންޓް މިހާރު ޤާއިމްކޮށްފައިވާ ސެންޓަރުގެ ދެކުނުން އޮންނަ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް، ހުޅުދޫމީދޫ މުނިސިޕަލް ސަރވިސް އޮފީހާއި ކަމާބެހޭ އެހެނިހެން މުއައްސަސާތައް ގުޅިގެން މިހާރު ކުރިއަށްދާކަމަށެވެ. އެހެންކަމުން އެ ސަރަހައްދަށް ކުނިއެޅުން އައްޑޫ ސިޓީ ކައުންސިލުން މަނާކަމެއްގެ ގޮތުގައި ނިންމާފައިވާއިރު، ކައުންސިލުން ވަނީ އެއްވެސް ފަރާތަކުން އަމިއްލަ އަށް ވެމްކޯ ހުޅުދޫމީދޫ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނިއުކުމުގެ މަސައްކަތް ކުރައްވަން ބޭނުންފުޅުވާނަމަ، އެ ސެންޓަރުގެ ފަރާތުން ހަމަޖައްސަވާފައިވާ އުޞޫލުތަކާއި އެއްގޮތަށް ކުރިއަށް ދިއުމަށް އެދިވަޑައިގެންފައެވެ.
އައްޑޫސިޓީ ހުޅުދޫމީދޫގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް 11 އެޕްރީލް 2017 ގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއިވަނީ ހަވާލުކޮށްފައެވެ. އަދި ހުޅުދޫމީދޫގެ ގޭބިސީތަކާއި، ވިޔަފާރިކުރާ ތަންތަން އަދި އެހެނިހެން މުއައްސަސާތަކުން ކުނިއުކާލަދިނުމުގެ ޚިދުމަތް ވެމްކޯގެ ފަރާތުން ދަނީ ކުރަމުންނެވެ.
ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ގަވައިދުގެ ދަށުން ކައުންސިލުން ކުނި އުކުމަށް ކަނޑައަޅާފައިވާ ކުނި ގޮނޑު ނޫން އެހެން ތަނަކަށް ކުނި އަޅައިފިނަމަ ފުރަތަމަ ފަހަރަށް އެކަން ރަނގަޅު ކުރުމަށް އެންގުމާއެކު ފަންސާސް ރުފިޔާ އާއިދުއިސައްތަ ފަންސާސް ރުފިޔާއާ ދޭތެރޭ އަދަދަކަށް ޖޫރިމަނާ ކުރުމަށްވަނީ ކަނޑައަޅާފައެވެ. އަދި ދެވަނަ ފަހަރަށްނަމަ، އެކަން ރަނގަޅު ކުރުމަށް އެންގުމާއެކުދުއިސައްތަ ފަންސާސްރުފިޔާއާއި ފަސްސަތޭކަ ރުފިޔާއާއި ދެމެދުގެ ޢަދަދަކަށް އެފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ. މީގެއިތުރުން ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް އެކަން ރަނގަޅު ކުރުމަށް އެންގުމާއެކު ފަސްސަތޭކަ ރުފިޔާއާއި އެއްހާސް ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުވޭނެއެވެ.