ވެމްކޯގެ ހުޅުމީދޫ ސައިޓުގައި މިދިޔަ އަންގާރަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއަކީ ކުނިމެނޭޖްކުރުމުގެ ޚިދުމަތް އެރަށުގައި ދެމުން އަންނަ ވެމްކޯގެ އިތުރުން ހުޅުމީދޫގެ ރައްޔިތުންނަށް ލިބިގެން ދިޔަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ. 1.8 މިލިއަން ރުފިޔާގެ ބަޖެޓަކުން މިދިޔަ އަހަރު ހުޅުމީދޫގައި ތައްޔާރު ކުރި މި ސައިޓަށް އަދި ވީ އެންމެ އަހަރެކެވެ. ކުނިބުނީގެ މައްސަލައަށް ހައްލެއް ނުލިބި ކަންބޮޑުވެފައި ތިބި ރައްޔިތުން ކުރަމުންދިޔަ ޝަކުވާތަކަށް ހައްލު ލިބި، ހިތްހަމަޖެހިގެން ތިބެވުނީ މަދު ދުވަސްތަކަކަށެވެ. އަލިފާނުގެ ހާދިސާ ހިނގައި ނިމުނު އިރު އެތަނުގައި މަސައްކަތް ކުރާ ވެމްކޯގެ މުވައްޒަފުން ވަންނާނެ ބޯހިޔަލެއް ހައި މިންވަރުވެސް ނެތެވެ. ކުނިކޮށްޓާއި އިންވެގެން ހުރި ވޭސްޓްމެނޭޖްމަންޓު ސެންޓަރާއި އޮފީސް ބައި މުޅިން ވަނީ އަނދައި ހުލިވެފައެވެ. އަލުން ބަލުން ސުމަކުން ފަށައިގެން ނޫނީ ކުރިން ދެމުން އައި ގޮތަށް ޚިދުމަތް ނުދެވޭ ފެންވަރަށް އެތަނުގެ ހާލަތު އޮތީ ގޮސްފައެވެ. ނަމަވެސް ވެމްކޯގެ ވެހިކަލްތަކުން މެދުކެނޑުމެއްނެތި ރަށުތެރޭގައި ހަރަކާތްތެރިވާތަން ފެނެއެވެ. އަލިފާނުގެ ހާދިސާއިން އޮފީސް އިމާރާތާއި ސައިޓުގައި ހުރި ގިނަ ތަންތަނާއި މެޝިނަރީސް ތައް އަނދައި ހުލިވިނަމަވެސް އާންމުންނަށް އެކުންފުނިން ދެމުންދާ ޚިދުމަތަކަށް ބުރުލެއް ނާރުވައެވެ.
އެޕްރީލް 10 ވަނަ ދުވަހުގެ މެންދުރު ވެމްކޯގެ ހުޅުމީދޫ ސައިޓުގެ އިސްވެރިންގެ ބައްދަލުވުމެއްގައި ތިއްބައި އެންމެން ސިހި، އެލާޓަށް އައީ އެތަނުގެ ކުނި ރައްކާކޮށްފައި ބަހައްޓާފައި ހުރި ގޮޅިއެއްގައި ރޯވި ކަމަށް އެތަނުގެ މުވައްޒަފަކު އައިސް ބުނުމުންނެވެ. އެއާއެކު ހުރިހާ ސްޓާފުން ކަންބޮޑުވެގެން ކޮޅުކޮޅަށް ދުއްވައިގަތެވެ. ކުނިކޮށިފަދަ ތަނެއްގައި ހިނގާފާނެ އެފަދަ ހާދިސާއަކުން ސަލާމަތްވާނެ ފަދަ ވަސީލަތްތައް އެތަނުގައި އަދި ގާއިމުވެފައި ނެތުން ވެގެން ދިޔައީ އަލިފާންގަނޑު ފެތުރި މުޅި އިމާރާތުގައި ރޯވި ސަބަބަށެވެ.
އެހާ ހިސާބުން އަލިފާން ނިއްވާނެ ގޮތަކާމެދު ވިސްނުމަށް ފަހު، ތަނުގެ މުވައްޒަފުން އެހީ ހޯދީ ކައިރީގައި އޮތް ހެރެތެރެ ރިސޯޓުންނެވެ.
“ވަގުތުން ގުޅީ ހެރެތެރެ ރިސޯޓުގެ މެނޭޖަރަށް. އެވަގުތު މެނޭޖަރުގެ ފޯނު ބިޒީ. ދެން މެނޭޖަރުގެ ޕީއޭ އަށް ވެސް ގުޅިން. އެކަމަކު ފޯނެއް ނުނަގާ. އޭރު އެންމެންތިބީ ހަދާނެ ގޮތެއް ނޭނގިގެން ވަރަށް ކަންބޮޑުވެފައި. ދެން އެހެން ސްޓާފެއްގެ ކައިރީގައި އަދި ވެސް ޓްރައި ކުރާށޭ ބުނެފައި އެހެން ދިމާއަކަށް ދިޔައީ. ކުޑައިރުކޮޅަކުން މެނޭޖަރާ ގުޅުނު. ހެރެތެރެއިން ވަރަށް ޕޮޒިޓިވް ކޮށް ޖަވާބު އައީ. ވީހާ އަވަހަކަށް ވެހިކަލެއް ފޮނުވާ ޕަމްޕު ބަލާއަންނަން ބުނީ. އެތަނަށް ގޮސް ޕަމްޕު ހިފައިގެން އައިއިރު އެމްއެންޑީއެފާއި ޕޮލިސް އަދި ރަށުގެ ގިނަ ބަޔަކު އެތަނުގައި ތިބި. ކުރިމަތީގައި މޫދު އޮތީމާ ލޮނުނަގަން ފަސޭހަވި. އެކަމަކު އޭރު މުޅި އިމާރާތުގައި އެކީގައި އޮތީ ރޯވެފައި” ހުޅުމީދޫ ސައިޓް މެނޭޖަރ ޟިރާރު ވިދާޅުވިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެތަނުގެ މުވައްޒަފަކަށް ވެސް ނޭނގެއެވެ. އެނގޭހައިވެސް ކަމަކީ ރޯވީ ކުނި ރައްކާކޮށްފައި ހުރި ގޮޅިއެއްގައި ކަމެވެ. އެތަނުގައި ގިނަ އަދަދަކަށް ކަރުދާހާއި ރަބަރު ކޮތަޅާއި ޓައިރު ފަދަ ތަކެތި ބަހައްޓާފައި ހުންނާނެ ކަމަށް މުވައްޒަފުން ބުނެއެވެ.
އަލިފާން ރޯވުމާއެކު އެތަނުގެ މުވައްޒަފުން ވަނީ އޮފީސް އިމާރާތުގެ ތެރޭގައި ހުރި ލިޔެކިޔުމަށް ބޭނުންވާ ސާމާނުތައް ބޭރަށް ނެރެފައެވެ. ނަމަވެސް ވޭސްޓްމެނޭޖްމަންޓު ސެންޓަރުގެ ތެރޭގައި ހުރި މެޝިނަރީސް ތަކުގެ ތެރެއިން އެއް މެޝިން ހުރި ސަރަހައްދުގައި އޭރު އަލިފާން ގަދައަށް ރޯވެފައި ހުރުމާއެކު އެ މެޝިން ވަނީ އަލުން ބޭނުންނުކުރެވޭ ވަރަށް އަނދައި ހަލާކުވެފައެވެ.
“އެދުވަހު ކަން ދިމާކުރި ގޮތުން އެމްއެންޑީއެފުގެ ބޭކަލުން ތަކެއް ހުޅުމީދޫގައި އޮތް ޕްރޮގްރާމެއްގައި ބައިވެރިވުމަށް ރަށުގައި ތިބި. ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފުގެ އެހީތެރިކަން ވަރަށް އަވަހަށް ލިބިގެން ދިޔަ. އެމްއެންޑީއެފާއި ޕޮލިސް އަދި ރެޑްކްރެސެންޓާއި އާންމު ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ދިޔަ” ޟިރާރު ވިދާޅުވިއެވެ.
ހުޅުމީދޫއަކީ އަލިފާނުގެ މިފަދަ ހާދިސާތައް ގިނައިން ހިނގާ ތަނަކަށް ވާއިރު އެ ރަށުގައި އަލިފާން ނިއްވުމުގެ އެކަށީގެންވާ ވަސީލަތްތައް ގާއިމު ވެފައިނެތްކަން ފާހަގަކޮށްލެވެއެވެ. އެރަށުގައި ގާއިމު ކުރާ ފަޔަރސްޓޭޝަންގެ މަސައްކަތް ނިމި ވަރަށް އަވަހަށް ޚިދުމަތް ލިބެން ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ކަނޑައެޅި ތާރީޚު ފާއިތުވެ ގޮސްފައިވާއިރު އަދިވެސް އެތަނުގެ ޚިދުމަތް ފެށިގެންދާތަނެއް ނުފެނެއެވެ.
ރަށުގެ ރައްޔިތުންގެ އުއްމީދަކީ މިފަދަ ހާދިސާތަކުން ރައްޔިތުންގެ މުދަލާއި ރައްޔިތުންނަށް ޚިދުމަތް ދޭން ހަދާފައި ހުންނަ ތަންތަން ސަލާމަތް ވާނެ ފަދަ އެކަށީގެންވާ ވަސީލަތްތައް ވީހާވެސް އަވަހަކަށް ގާއިމު ވުމެވެ. ހަމަ މިއާއެކު އެކަށީގެންވާ ރަނގަޅު ޚިދުމަތްތަކާއެކު ހުޅުމީދޫގެ ފަޔަރސްޓޭޝަންގެ މަސައްކަތް ފެށިގެން ދިއުމެވެ.