English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ ވެމްކޯގެ ކުނިކޮށީގައި މިއަދު މެންދުރުފަހު ރޯވި އަލިފާންގަނޑު ނިއްވާލެވުނު އިރު ކުނިކޮށި އިމާރާތުގެ ބޮޑުބައެއް އަނދައި ހުލިވެއްޖެއެވެ

މިއަދު މެންދުރުފަހު 2:45 ގައި ހިނގި މިހާދިސާ, ހިނގި ސަބަބެއް ނޭނގުނު ނަމަވެސް ލަފާކުރެވޭ ގޮތުގައި އަލިފާން ރޯވީ ރީސައިކަލްކުރުމަށް ބަހައްޓާފައި ހުރި ކުނިތަކެއްގައި ކަމަށް ވެމްކޯ ހުޅުމީދޫ ބްރާންޗުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް ދުމުގެ އަސަރުކޮށްގެން އެތަނުގެ ސްޓާފަކަށް ހުޅުމީދޫ ސިއްހީ މަރުކަޒުން ފަރުވާދީފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއީ އަލިފާން ރޯވި އިރު އޮފީހުގެ ތެރޭގައި ހުރި މުވައްޒަފެކެވެ.

މިދިޔަ އަހަރު އިމާރާތްކޮށް މަސައްކަތް ފަށާފައިވާ ކުނިކޮށި އިމާރާތް ވަނީ ބޭނުން ނުހިފޭވަރަށް އަނދައި ހުލިވެފައެވެ. އަދި އެ ސަރަހައްދުގައި ހުރި ވެމްކޯގެ އޮފީހަށް ވެސް ވަނީ އަލިފާނުގެ އަސަރު ކޮށްފައެވެ.

އަލިފާން ރޯވުމާއެކު އެމްއެންޑީއެފްގެ ސަދަން އޭރިއާ އަދި ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެސަރަހައްދަކީ މޫދާ ކައިރި ސަރަހައްދެއް ކަމުން މޫދުން ލޮނު ނަގައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރި ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލްވީ ގިނަ އިރުތަކަކަށް ފަހުގައެވެ.

އަލިފާން ރޯވުމާއެކު ވެމްކޯގެ ސްޓާފުން ވަނީ އޮފީސް އިމާރާތުގައި ހުރި ސާމާނު ބޭރަށް ނެރެފައެވެ.

އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު އަލިފާން ރޯވުމުގެ ސަބަބުން ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެމްކޯއިން ބުނެއެވެ

.ވެމްކޯއިން އައްޑޫގައި ކުނި ނެގުމުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ. ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއިން ފެށުމާއެކު ކުނި ބުނީގެ މައްސަލައަށް ހައްލެއް ނުލިބި ގިނަ މައްސަލަތަކާ ކުރިމަތިލަމުން އައި ހުޅުމީދޫ ރައްޔިތުންނަށް ބޮޑު ލުއި ފަސޭހައެއް ވަނީ ލިބިފައެވެ.