މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމެންޓް (ޔުނެޕް( ޑީ.ޓީ.ޔޫ ޕާޓްނަރޝިޕް އާއިގުޅިގެން ހިންގަމުން އަންނަ އިނިޝިއޭޓިވް ފޯރ ކްލައިމެޓް އެކްޝަން ޓްރާންސްޕޭރެންސީ (އައިކެޓް) މަޝްރޫޢުގެ ދަށުން އައްޑޫސިޓީގައި ވޭސްޓް އޮޑިޓެއް ކުރުމަށް ހަމަޖައްސައިފިއެވެ.
އައްޑޫސިޓީ ހިތަދޫ ގައި މި ސަރވޭ ކުރިއަށްގެންދާނީ “ޖިއޯޓެކް މޯލްޑިވްސް” ގެ ފަރާތުން “ސަދަން ކޮމިއުނިޓީ އެމްޕަވަމެންޓް އޮފް އެސޯސިއޭޝަން އޮފް މޯލްޑިވްސް” (ސްކީމް) ގެ އައްޑޫ ޗެޕްޓަރ އިންނެވެ.
ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަށް އައްޑޫސިޓީގެ ހިތަދޫގައި މިސަރވޭ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު ހިތަދޫގެ މީހުން ދިރިއުޅޭ ގެތަކުން ކަނޑައެޅޭ ވަކި އަދަދެއްގެ ގެތަކާއި ސިއްހީ ޚިދުމަތް ދޭ ތަންތަނުން ކަނޑައަޅާ ތަނަކާއި ފިހާރަ އަދި ކެފޭ ރެސްޓޯރެންޓް ތަކުން ވެސް ކަނޑައެޅޭ ތަންތަނުން އުކާލެވޭ ކުނީގެ ބާވަތްތައް ބަލައި މޮނިޓަރ ކުރެވޭނެއެވެ. އެގޮތުން ކޮންމެ ދުވަހަކު އުކާލެވޭ ކުނިތައް ކެޓެގަރައިޒް ކޮށް ކޮންމެ ބާވަތެއް ވަކިން ކިރައި އޭގައި ހުރި މިންވަރު ބެލޭނެއެވެ. މީގެ އިތުރުން 7 ވަނަ ދުވަހު މީހުން ދިރިއުޅޭ ގެތަކުގައި ހުންނަ އުކާލެވޭ ކުނި އަލުން އެއްކޮށް ކިރައި ހަފްތާއެއްގެ ތެރޭގައި އުކާލެވެނީ ކިހާ ވަރެއްގެ ކުންޏެއްތޯ ބެލޭނެއެވެ. މި ގޮތުން އެއް ހަފްތާގެ މުއްދަތަކަށް ފަހު ކިރާނީ ކާބޯތަކެތި ފިޔަވައި އެހެން ކުނިބުންޏެވެ.
މި ސަރވޭ އާއި ގުޅޭގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން “ޖިއޯޓެކް މޯލްޑިވްސް” ގެ މެނޭޖިން ޑިރެކްޓަރ ޑރ މަޙްމޫދު ރިޔާޒް ވިދާޅުވީ މިއީ ރާއްޖޭގައި އުކާލެވޭ ކުނި ބުނި ޖެނެރޭޓް ވަނީ ކިހާ ވަރަކަށް ތޯ ބަލައި އައިޕީޕީސީ ގެ މިންގަނޑުތަކާ އެއްގޮތަށް ވޭސްޓްއިން ގްރީން ހައުސް ގޭސް އެމިޝަން ހުންނަ މިންވަރު ބެލުމަށް ކުރެވޭ ދިރާސާއެއް ކަމަށެވެ.
އަދި މިސަރވޭގައި އެއްކުރާ މައުލޫމާތު ތަކަކީ ރާއްޖެއިން ޔޫއެންއެފްސީސީސީ އަށް ކުރަން ޖެހޭ ރިޕޯޓް ކުރުމަށް ބޭނުންވާ މައުލޫމާތުތަކެވެ.
މި ސަރވޭ ރާއްޖޭގެ 10 ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު އެ ސަރަހައްދުތައް ކަނޑައަޅާފައިވަނީ ރާއްޖޭގައި ކުނިމެނޭޖްކުރުމަށް ބަހާލައިފައިވާ 7 ޒޯން ގެ ތެރެއިން ހޮވާލެވުނު ވަކި ރަށް ރަށުގައެވެ.