އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް, ސިޔާސީ ޕާޓީ ތަކުން ބޭއްވި މަޖިލިސް ޕްރައިމަރީން ބަލިވެގެން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅީ އެންމެ ހަތަރު ބޭފުޅުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމީޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، އިއްޔެ ހަވީރަށް ޕްރައިމަރީން ބަލިވި ފަރާތްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހަމަވިއިރު ކުރިމަތިލަފައިވަނީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ހަތަރު ބޭފުޅުން ކަމަށެވެ. އެ ހަތަރު ބޭފުޅުންނަކީ އިހަވަންދޫ ދާއިރާއަށް ވާދަކުރެއްވި، މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)، އާއި އެމްޑީޕީގެ ޕްރައިމަރީގައި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް، މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރެއްވި އަހުމަދު މުހައްމަދު (ފަޒާ އަހުމަދު) އާއި ކާށިދޫ ދާއިރާގެ ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގަތް އަބްދުﷲ ޖާބިރެވެ.
ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިހާބުގައި ވާދަ ނުކުރޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ބާތިލް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ މިދިޔަ ހަފްތާ ހޯމަ ދުވަހުގައެވެ. ޕްރައިމަރީ އިން ބަލިވި ކެންޑިޑޭޓުންނަށް މަޖިލީހަށް ވާދަކުރެވޭނެ ގޮތަށް ނިންމާ އިއްޔެގެ ހަވީރާ ހަމައަށް އެ ކެންޑިޑޭޓުންގެ ފޯމް ބަލައިގަތުމަށް ސުޕްރީމް ކޯޓުންވަނީ އީސީގެ މައްޗަށް އަމުރުކޮށްފައެވެ.