މަރުތަކާއި ހިޔާނާތް ބަލާ ކޮމިޝަނަށް ބާރު ދިނުމުގެ މަސައްކަތް މަޖިލީހުން ފާސް ކުރަން މަސައްކަތް ކުރާތާ 50 ދުވަސް ވެފައިވާ ކަމަށާއި ނަމަވެސް ބަދަހި ކޯލިޝަނެއް އޮވެގެން އެވަރު ކަމެއް ރައްޔިތުންނަށްޓަކައި ކޮށް ނުދެވޭކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި މަޖިލީސް ޖަލްސާގައި މޫސަ ވިދާޅުވީ ބިޔަ ބަދަހި ކޯލިޝަނަކުން ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިންމަވާލެއްވުމަށް ފަހު މިއަދު މަޖިލީހުގައި އަމަލު ކުރާ ގޮތް ރައްޔިތުން ބަލަން ޖެހޭ ކަމަށެވެ. މީގެ އިތުރުން މޫސަ ވިދާޅުވީ ވެރިކަމަށް ވަޑައިގަތް ބަދަހި ކޯލިޝަންއަށް ރައްޔިތުން މަޖިލީހުގެ ތެރޭގައި އެއްވެސް ބާރެއް ނުހިންގޭ ކަމަށެވެ.
ރައީސް ޔާމީންގެ ފަސް އަހަރުގެ ތަރައްޤީއަށް އިޝާރަތްކުރައްވަމުން މޫސަ ވިދާޅުވީ ޖަލުގައި އޮންނެވި ނަމަވެސް އަދިވެސް އެންމެ ގަދައީ ކުރީގެ ރައީސް ޔާމީންކަމަށެވެ. “ވައްކަމާއި ފަސާދައިން ދުރުވެގެން ނޫނީ ގައުމު ކުރިޔަށް ނުދާނެ ކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޮއެ އާދޭސް ކުރަމުންދާ އިރުވެސް ބަދަހި ކޯލިޝަންގެ ބާރެއް މަޖިލީހުގެ ތެރޭގައި ނުފެންނޭ” މޫސަ ވިދާޅުވިއެވެ.