އެމްޑީޕީގެ މާޒީގައިވެސް ރައީސް ނަޝީދަށް ވުރެ އެމްޑީޕީއަށް ގެއްލުންދިން މީހަކު ނެތް ކަމަށް ކުރީގެ ޗެއަރޕާރސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީކެންޑިޑޭޓުގެ ހައިސިއްޔަތުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅުގައި މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުންކަމަށް ފަތުރަމުންދާ ވާހަކަތަކަށް ފާޑުވިދާޅުވެފައެވެ.
މޫސަ ވިދާޅުވީ އޭރު ވިސްނުނީ 2012 ވަނަ އަހަރު އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށް ވިދާޅުވިނަމަވެސް، މިއަދު އެކަން ގަބޫލު ކުރާނެ ޖާގައެއް ނެތް ކަމަށެވެ.
ނަޝީދު މިއަދު އެމްޑީޕީގެ ވެރިކަމެއް އޮވެ ރައީސް ޞާލިހުގެ ވެރިކަން ވައްޓާލަން އެތެރެއިން ބޭރުން ބަޣާވަތް ކުރައްވަން އުޅުއްވުމުން އޭރުގެ ވެރިކަން ވެއްޓިދިޔައީ ބަޣާވާތަކުންތޯ ސުވާލު އުފެދޭކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
މޫސަ މިހެން މި ވިދާޅުވީ އެމްޑީޕީ ރޫޅާލާނެ ކަމަށާއި އެ ޕާޓީ ރޫޅާލުމުގެ މަސައްކަތް ކުރައްވާނީ ރައީސް ނަޝީދު ކަމަށް އެމަނިކުފާނު ވިދާޅުވުމުންނެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ “ދަ ޑިމޮކްރެޓްސް” އަށް ސޮއި ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
“އެމްޑީޕީ ރޫޅާލާނަން. ރޫޅާނާލާން. ތި ކެޔޮގަނޑުގެ ފޫ ވައް ވެއްޓިއްޖެ. ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން.” ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިކަމަށް ރައްދު ދެއްވާ މޫސަ ވިދާޅުވީ އެމްޑީޕީ ކަމުނުގޮސް ޕާޓީން ވަކިވި ކޮންމެ ރައީސަކު އެމްޑީޕީގެ ޖަނާޒާ ބާއްވައި ޕާޓީ ރޫޅާލަން މަސައްކަތް ކުރިކަމަށެވެ. ނަމަވެސް މިހާތަނަށް އެކަން އެއްވެސް މީހަކަށް ކާމިޔާބު ނުވިކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އެމްޑީޕީއަކީ އެތައް ރައްޔިތުން އުފައްދާފައިވާ ޕާޓީއެއް ކަމަށާއި ނަޝީދަށް އުމުރު ދުވަހު މުސާރަ ޔަގީން ވީވެސް އެމްޑީޕީގައި ހުރެން ކަމަށެވެ.