English Edition
Dhivehi Edition

ރިޔާސަތުން އެހެން މެމްބަރުންނަށް އަންގައިގެން މެމްބަރުން ލައްވާ އެއްވެސް މެމްބަރަކު ތަޅުމުން ބޭރުކުރުމަކީ ކުށެއް ކަމަށް ކުރިން މަޖިލީހުގެ ނައިބް ރައީސްކަން ކުރައްވާފައިވާ މޫސާ މަނިކު(ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މިހާރު ތިބި ކައުންސިލަރުން ދެން އިންތިހާބެއް ބޭއްވެންދެން އެ މަގާމުގައި ތިބެވޭނެ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރޭ ދަންވަރު ބޭއްވި ޖަލްސާއަކީ ގާނޫނާއި ހިލާފަށް ބާއްވާ ޖަލްސާއެއް ކަމަށް ވިދާޅުވެ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ވާހަކަދައްކަވަން ފެއްޓެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފައެވެ.

ރިޔާސަތުން ނަން އިއްވުމާ އެކު ޝިޔާމް ބޭރަށް ނިކުމެވަޑައިނުގެން، ތަޅުމުގައި މަޑުކުރެއްވުމުން އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އޭނާ ނެރުމަށް މަސައްކަތްކޮށްފައިވާއިރު މްބަރުންގެ މެދުގައި ހިނގި ހަމުޖެހުންތަކުގައި ޝިޔާމްގެ އިތުރުން ބައެއް މެމްބަރުންނަށް ވެސްވަނީ އަނިޔާވެފައެވެ.

މިކަމާ ގުޅިގެން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެމްބަރެއްގެ ނަން އިއްވުމުން ބޭރަށް ނުދާނަމަ މަޖިލިސް މެދުކަނޑާލައި އެ މެމްބަރަކު ތަޅުމުން ނެރެން ޖެހޭނީ ސެކިއުރިޓީން ލައްވާކަމަށެވެ. އިތުރަށް މޫސަ ވިދާޅުވީ ރިޔާސަތުން އެހެން މެމްބަރުންނަށް އަންގައިގެން މެމްބަރުން ލައްވާ އެއްވެސް މެމްބަރަކު ތަޅުމުން ބޭރުކުރުމަކީ ހުއްދަކަމެއް ނޫންކަމަށާއި އެފަދަ ޢަމަލެއްކުރުމަކީ ކުށެއްކަމަށެވެ.